IruOnline

ކުރިއެކޭއެއްގޮތަށް މާރުކޭޓުތަކުގެ ޚިދުމަތް ފަށައިފި

މާލެ މާރުކޭޓާއި ބަނދަރު ސަރަޙައްދުން ދެމުންއައި ޚިދުމަތްތައް ކުރިއެކޭ އެއްގޮތަށް ދޭން ފަށައިފިއެވެ. މިއާއެކު އެ ސަރަޙައްދުން އަނެއްކާވެސް ފެންނަނީ ތޮއްޖެހި، ބައިބޯވެފައިވާތަނެވެ.

ކޯވިޑް 19އާއި އެކު ދިން ލުއިތަކުގައި މާލޭގެ މާރުކޭޓުތަކުގެ ޚިދުމަތްވެސް ވަނީ ކުރިއެކޭ އެއްގޮތަށް ދޭން ފަށާފައެެވެ. އެގޮތުން ލޯކަލް މާރުކޭޓާއި މާލެ މަސް މާރުކޭޓުގެ އިތުރުން މަރާމާތަށް ދިގުމުއްދަތަކަށް ބަންދުކޮށްފައި އޮތް މާލޭ ދަތުރުވެރިންގެ މާރުކޭޓުވެސްވަނީ ހުޅުވާފައެވެ. މާރުކޭޓުތަކުން ޚިދުމަތް ދެމުން ގެންދާނީ ކޮންމެދުވަހަކު ހެނދުނު 8 އިން ހަވީރު 6 ޖެހުމާއި ހަމައަށެވެ.

މާރުކޭޓުތަކުގައި ޚިދުމަތްދިނުމަށް ސިޓީ ކައުންސިލުންވަނީ ޚާއްސަ އުސޫލެއް ކަނޑައަޅާފައެވެ. އެގޮތުން މާރުކޭޓުތަކަށް ވަކި އަދަދަކަށް މީހުން ވެއްދުމާއި، ވަންނައިރު ހަށިގަނޑުގެ ހުން ބެލުމާއި އަދި ގައިދުރުކަން ބަހައްޓަންޖެހޭ ގޮތުގެ ނިޝާންތައްވަނީ ކުރަހާފައެވެ. އަލަށް މާރުކޭޓުގެ ޚިދުމަތް ފަށާފައިވަނީ މާރުކޭޓުތައް ޑިސްއިންފެކްޓްކޮށް، ސާފުކުރުމަށްފަހުއެވެ.

ސިޓީ ކައުންސިލުންވަނީ ޚިދުމަތް ހޯދަންދާ މީހުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި ގުޅޭ އާއްމު މަޢުލޫމާތުތައްވެސް ފެންނާނެހެން އެ ސަރަޙައްދުތަކުގައި ބަހައްޓާފައެވެ.

މަސް މާރުކޭޓުގައި ވިޔަފާރިކުރާ މީހުންނަށްވެސް ވިޔަފާރިކުރެވޭނީ ސިޓީ ކައުންސިލުން ހުއްދައެއް ނަގައިގެންކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!