ބޮޑެތި ބައެއް ޤައުތަކުގައި ހިންގަމުންދާ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ނަގައި އާންމު ކުރުން މިކުޑަކުޑަ ސައްތައިން ސައްތަ މުސްލިމު ޤައުމުގައިވެސް ބިރެއްވެތި މިދަނީ ކުރަމުންނެވެ.
މިފަހުންވެސް މިވަނީ މިފަދަ ބޮޑު ނެޓްވޯކެއްގެ މައުލޫމާތު ލީކުވެފައެވެ. މި މީހުންނަކީ ސޯޝަލް މީޑިއާގެ ޗެޓް ޕްލެޓްފޯމްތަކުގައި ދިވެހި އަންހެން ކުދިންގެ ބަރަހަނާ ފޮޓޯ ޝެއަރ ކުރާ ބައެކެވެ. އެމީހުން މި ފޮޓޯތައް ހޯދަނީ މިކަމަށް ހަދާފައިވާ ޕްރައިވެޓް ގްރޫޕްތަކުގައެވެ. މިގޮތުން މީވީ އާއި ވައިބާރ އަދި ޓެލެގްރާމު މެދުވެރިކޮށް ހަދާފައިވާ މި ޕްރައިވެޓް ގްރޫޕުތަކަށް ބަރަހަނާ ފޮޓޯތައް ދަނީ ލަމުންނެވެ.
މި ގުރޫޕުތަކުގެ މެންބަރަކަށް ވުމަށްޓަކައި ބަރަހަނާ ފޮޓޯގެ ސެޓް (5 ފޮޓޯ) ފޮނުވަންޖެހެއެވެ. މިފަދަ ހަރުކަށި އުސޫލުތަކާއި އެކު ހިންގާ މިގުރޫޕުގެ ކޮންމެ މެންބަރަކުވެސް ކޮންމެ ދުވަހަކު ދިވެހި އަންހެން ކުއްޖެއްގެ އޮރިޔާން ފޮޓޯ ގްރޫޕަށް ލާން ޖެހެއެވެ. އަދި އެންމެ ދުވަހަކު ނުފޮނުވުނަސް ގުރޫޕުން ނެރެލުމުގެ ބާރު ގްރޫޕް ހިނގާފަރާތަށް އޮވެއެވެ. މިފަދަ އުސޫލު ތަކަކާއި އެކު ހިންގާ ” އޮރިޔާން ކާޑު” މިގުރޫޕު ޗެޓްކުރުމަށް ބޭނުންކުރާ އެޕެއް ކަމުގައިވާ މީވީ އަށް ރިޕޯޓް ކުރުމުން, މީވީ ގައި ހިންގަމުންދިޔަ ޕްރައިވެޓް ގްރޫޕާއި އަދި އެ ގްރޫޕް އުފެއްދި ފަރާތް ވަނީ އެފަރާތުން ބްލޮކް ކޮށްލާފައެވެ. ނަމަވެސް މި މީހުން ހައްޔަރުކޮށް ފިޔަވަޅު ނާޅައިފިނަމަ އެހެން ނަމެއްގައި މިގުރޫޕްތައް މަސައްކަތް ކުރާނޭކަމުގެ ބިރު އެބައޮތެވެ.
ލީކް ވެފައިވާ ޗެޓް ސްކްރީންޝޮޓް ތަކުން ފެންނަ ގޮތުގައި މި މީހުން ދިވެހި ކުޑަކުދިންތަކެއްގެ ވީޑިއޯއެއްވެސް އެ ގްރޫޕްގައި ޝެއަރ ކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
އަދި ލީކްވެފައިވާ ޗެޓަކުން ފެންނަ ގޮތުގައި މީގެ ގްރޫޕެއްގައި ބޭރު އަންހެން ކުދިން ރާއްޖޭގައި ވިއްކުމަށް އިސްތިހާރު ކޮށްފައިވެއެވެ.
މިވާހަކަ ތައް ސޯޝަލް މީޑިޔާގައި ޓްވިޓާރގައި ހާމަ ކުރި ފަރާތަށް ދަނީ ބަދަލު ހިފުމުގެ ގޮތުން އުނދަގުލާއި ބިރުވެރިކަން ކުރިމަތި ކުރުވަމުންނެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ޓްވީޓެއް ކުރައްވާ ވިދާޅުވީ ފުލުހުންގެ ސަމާލުކަމަށް އެކަން އައިސްފައި ވާކަމަށާއި މައްސަލަ މިހާރު ބަލަމުން ދާ ކަމަށެވެ.