IruOnline

ގުޅިފަޅު ހިއްކާއިރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ކަނޑައަޅަންޖެހޭގޮތަށް ފާސްކޮށްފި

މި ސަރުކާރުގައި ގުޅިފަޅުން އަލަށް ހިއްކާ ސަރަހައްދުގައި މަދުވެގެން 6،000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭ ވާރުގެ ބިމެއް ކަނޑައަޅަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގުޅިފަޅުން ހިއްކާ ބިމުގައި ފްލެޓް އަޅަން ހުށަހެޅުން ދީފައިވާ އެންވަޔަރަމެންޓް ކޮމިޓީގެ ރިޕޯޓް ފާސްކުރީ 65 މެންބަރުންނެވެ. އެ ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ކޮމިޓީގެ ރިޕޯޓަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިސްލާހެއް ހުށަހެޅުއްވި އެވެ. އެއީ ގުޅިފަޅުގައި އަޅަން ހުށަހަޅާ ހައުސިން ޔުނިޓްގެ އަދަދު 8،000 އިތުރު ކުރުމަށެވެ. ނަމަވެސް 58 މެންބަރުންގެ ވޯޓާއެކު އެ އިސްލާހު ހިމަނަން ފާހެއް ނުވި އެވެ. އިސްލާހު ހިމަނަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެންބަރެކެވެ.

ރިޕޯޓް އިއްވަމުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މިހާރުން މިހާރަށް އެޅުމަށް ލަފާ ދެއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ގުޅިފަޅު ބަނދަރު މަޝްރޫޢާ ގުޅޭގޮތުން ތިމާވެށި ރައްކާތެރި ކުރުމަށް އީ.އައި.އޭ ރިޕޯޓުގައި ކަނޑައަޅާފައިވާ ފިޔަވަޅުތަކާއި، އަދި އޭގެ އިތުރުންވެސް އެ ޙާލަތަކާ ގުޅޭގޮތުން އީޕީއޭއިން އަޅަންޖެހޭ ކަމަށް އަންގާ ފިޔަވަޅުތައް މަޝްރޫޢުގެ ވެރިފަރާތުން ފުރިހަމައަށް އަޅަމުން ގެންދިއުމަށް ވަނީ ލަފާދެއްވާފައެވެ.

ގުޅީފަޅުގައި މިހާރު ހިއްކަމުން ދަނީ މާލޭގެ ވިޔަފާރި ބަނދަރު އެ ރަށަށް ބަދަލު ކުރަން ބޭނުންވާ ސަރަހައްދެވެ. މި މަޝްރޫޢަކީ ތިމާވެއްޓަށް އިޢާދަ ނުކުރެވޭފަދަ ބަދަލެއް އަންނާނެ މަޝްރޫޢަކަށް ވެފައި، އެކަމުގެ ސަބަބުން ހަޤީޤީ އެންވަޔަރަންމަންޓަލް ކޮސްޓް ބޮޑުވާނެ ކަމަށް ބެލިފައި ވުމާއެކު، މަޝްރޫޢުގެ އެންވަޔަރަންމަންޓަލް ކޮސްޓް އިތުރަށް ޖަސްޓިފައިކޮށް މަޝްރޫޢުގެ ސޯޝަލް އަދި އިކޮނޮމިކް ބެނިފިޓް އިތުރުވެގެން ދިޔުމަކީ މުހިންމު ކަމެއް ކަމުގައި ކޮމިޓީން ދެކެއެވެ.

ގުޅިފަޅު ބަނދަރު މަޝްރޫޢަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އިޤްތިޞާދީ މަޝްރޫޢެއް ކަމަށް ވެފައި، މަޝްރޫޢު ކުރިއަށް ގެންދެވެނީ ސަރުކާރުގެ އުސޫލުތަކާއި، ޢަމަލުކުރެވޭ ޤަވާއިދުތަކާއި އެއްގޮތައްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މިމަޝްރޫޢާ ގުޅޭގޮތުން ތިމާވެށީގެ ރޮނގުން ނިންމަންޖެހޭ ނިންމުންތަން އީޕީއޭއިން ނިންމަމުންދަނީ މިނިވަންކަމާއެކު ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެކަމާއި، މަޝްރޫޢު ހުއްޓާލަން އަންގަންޖެހޭ ސަބަބެއް މިހާތަނަށް ފާހަގަވެފައި ނެތްކަން އެ އޭޖެންސީން ވަނީ ފާހަގަކޮށްފައެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!