IruOnline

މިނިސްޓަރު އަސްލަމަށް މަޖިލީހުން ރުހުން ދީފި

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް މުހައްމަދު އަސްލަމް އައްޔަން ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިނިސްޓަރ އަސްލަމަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 65 މެމްބަރުންގެ އިއްތިފާގުންނެވެ. މީގެއިތުރުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަން “މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ” އަށް ބަދަލުކޮށް، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައްވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ ވޯޓުންނެވެ.

މި ދެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީގުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައިވާ ރިޕޯޓްގައިވަނީ މިނިސްޓަރ އަސްލަމަށް ރުހުންދޭން ފެންނަކަމަށް ފާސްކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް މުޙައްމަދު އަސްލަމް އިސްކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެއީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި އާމިނަތު ޢާޠިފާ, އެ މަގާމުން އިސްތިޢުފާ ދެއްވުމާއިއެކު މިނިސްޓްރީ އުވާލައި, އެ މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިންގް މިނިސްޓްރީގެ ދަށަށް ބަދަލު ކުރެއްވުމަށްފަހު އެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!