IruOnline

ގްރީން ޓީ ބޯން ޖެހޭނީ ވަކިގޮތަކަށް

ބަރުދަން ލުއިކުރަން، ބަނޑު ހިންދަން، ހަންގަނޑު ރީތިކުރަން، ޒުވާންކަން ދަމަހައްޓަން އަދި މި ނޫނަސް ސިއްހީ މައްސަލަތަކުން ސަލާމަތްވެ ހަކަތަ ވަރުގަދަކުރަން ބޭނުންވާ މީހުން ވެސް ގްރީން ޓީ ބުއިމަށް އިސްކަން ދެ އެވެ.

ނަމަވެސް، ބޭނުން ވަރަކަށް ބޭނުން އިރަކު ގްރީ ޓީ ބޯންވީ ހެއްޔެވެ؟

އެކަށީގެން ނުވާ ވަގުތުތަކުގައި ގްރީން ޓީ ބުއިމުން ގެއްލުންތަކެއް ލިބިދާނެ އެވެ. ގްރީން ޓީ ގައި ކެފެއިން އާއި ޓެނިން ކިޔާ މާއްދާއެއް އެކުލެވިގެންވެ އެވެ. މިއީ ގޮހޮރުގައި ހުންނަ ދިޔަތައް ނުވަތަ ގެސްޓްރިކް ޖޫސް ދިޔާކުރާނެ މާއްދާއެކެވެ. މިހެން ދިމާވެއްޖެ ނަމަ ބަނޑުގެ އެކި މައްސަލަތައް ޖެހި މޭނުބައިކުރުމާއި މޭ ދަށަށް ނުވަތަ މެޔަށް ތަދުވުން އަދި ބަނޑުގައި ވައި ހެދުން ފަދަ ކަންތައްތައް ދިމާވާނެ އެވެ.

ރަނގަޅު ވަގުތު، ވަކި މިންވަރަކަށް ގްރީން ޓީ ބޮއެގެން ނޫނީ ހަގީގީ ފައިދާއެއް ނުހޯދޭނެ އެވެ.

ވަރަށް ގިނަ ދިރާސާތަކުން ދައްކަނީ ގްރީން ޓީ އަކީ ސިއްހަތަށް ވަރަށް ގިނަ ފައިދާ ލިބޭ އެއްޗެއް ކަމަށެވެ. ނަމަވެސް މާގިނައިން ބޯންވެއްޖެ ނަމަ އޭގެ ނުރަނގަޅު އަސަރުތައް ވެސް ހަށިގަނޑަށް ކުރާކަން މިފަދަ ދިރާސާތަކުން ހާމަވެފައިވެ އެވެ.

ގްރީން ޓީ ބޯން ޖެހޭ ރަނގަޅު ގޮތަކީ ކޮބާ؟

ހުސް ގޮހޮރާ ހުރެ ގްރީން ޓީ ބޯކަށްނުވާނެ

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ގަބޫލުކުރެވިފައި އޮންނަނީ ހުސް ގޮހޮރާ ހުރެ ގްރީން ޓީ ބުއިމުން ހަށިގަނޑުގެ އެތެރެ ސާފުވާކަމަށެވެ. ނަމަވެސް މިއީ އެއްގޮތަކަށް ވެސް ކުރުން ރަނގަޅު ކަމެއް ނޫނެވެ. ހައިބަނޑާ ހުރެ ގްރީން ޓީ ބުއިމުން ބަނޑަށާއި ސްޕްލީން އަށް ގެއްލުން ވާނެ އެވެ.

ގްރީން ޓީ ބޯން ޖެހޭ ރަނގަޅު ގަޑި

ގްރީން ޓީގެ ފައިދާ އެންމެ އެދެވޭ ގޮތެއްގައި ހޯދުމަށް ކެއުމުގެ ބައިގަޑިއިރު ކުރިން ނުވަތަ ކައިގެން ދެ ގަޑިއިރު ފަހުން ގްރީން ޓީ ބޯށެވެ.

ހަކުރާއި ކިރު ނޭޅުން

ގްރީން ޓީ ބޯން ޖެހޭނީ އެއްވެސް ވަރަކަށް ހަކުރާއި ކިރު ފަދަ ތަކެތި ނާޅަ އެވެ. ގްރީން ޓީ ގައި އެންޓިއޮކްސިޑަންޓްސް އާއި ތިއެނައިން އެކުލެވިގެންވެ އެވެ. މިއީ ސިއްހަތަށް ވަރަށް ރަނގަޅު އެއްޗެކެވެ.

ނަމަވެސް ކިރުގައި އެކުލެވޭ ޕްރޮޓީން އާއި ހަކުރުގައި ހުންނަ ކެލޮރީޒް އާއި ގްރީން ޓީގައި ހުންނަ ފްލެވަނޯލްސް އެކުވުމުން ނެގެޓިވް ރިއެކްޝަނެއް ހަށިގަނޑަށް އާދެ އެވެ. އަދި ގްރީން ޓީ އިން ހޯދަން ބޭނުންވާ ފައިދާތަކެއް ނުލިބޭނެ އެވެ.

ގްރީން ޓީއާ އެކު މާމުއި ބޭނުންކުރުން

ގްރީން ޓީގައި އެކުލެވޭ ކެފެއިން އާއި މާމުއިގައި ހުންނަ ވިޓަމިންސްތައް އެކުވުމުން ޒުވާންކަން އިތުރުކޮށްދީ ސަރުބީ ވިރުވާލަން ބާރުއަޅަ އެވެ. ކެލޮރީޒް މަދުކުރުމަށް މާމުއި އެހީތެރިވެ އެވެ. އަދި ގްރީން ޓީ އިން މެޓަބޮލިޒަމްގެ މަސައްކަތް ބާރުވެ އެވެ.

ކެއުމަށްފަހު ވަގުތު ކޮޅެއް ހުސްކުރުން

ކެއުމަށްފަހު ވަގުތުން ގްރީން ޓީ ބޯކަށް ނުވާނެ އެވެ. ގްރީން ޓީގައި އެކުލެވޭ ކެފެއިންގެ ސަބަބުން ހަޖަމުކުރުމުގައި މައްސަލަތައް ދިމާވެ އެވެ. އަދި ނިއުޓްރިޝަންތައް ހަށިގަނޑަށް އޮބިގެން ދިއުމަށް ހުރަސް އަޅަ އެވެ.

ގްރީން ޓީ ބޯން ޖެހޭ މިންވަރު

ސިއްހީ އެންމެ ރަނގަޅު ފައިދާއެއް ގްރީން ޓީން ހޯދުމަށް ބޭނުން ނަމަ ދުވާލަކު 2-3 ތަށި ގްރީން ޓީ ބުއިން ރަނގަޅެވެ. ގްރީން ޓީ އަކީ އެންޓި އޮކްސިޑަންޓްސް އާއި ފްލެވަނޮއިޑްސް އެކުލެވޭ އެއްޗަކަށް ވާތީ އެ މާގިނައިން ބޮއެފި ނަމަ ވިހަވެ ލިވާގެ މައްސަލަތައް ވެސް ކުރިމަތިވެދާނެ އެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!