IruOnline

ފުރަބަންދުގައި ގޭގޭގެ ކަރަންޓްބިލް ބޮޑުވެގެން އިންޑިއާގެ ތަރިން މައްސަލަ ޖައްސަނީ

ޢާންމު ގޮތެއްގައި ކަރަންޓު ބިލަށް އަރާވަރަށް ވުރެ ފަސް ގިނަ އިތުރުވެފައިވާ ކަމަށް ބުނެ މުމްބާއިގައި ތިބި ބޮލީވުޑްގެ ބައެއް ތަރިން މައްސަލަ ޖައްސަން ފަށައިފިއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އިންޑިއާ ފުރަބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ހަފްތާގައި ލިބުނު ކަރަންޓު ބިލްތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބުނެ މުމްބާއިގައި ވަނީ މައްސަލަ ހޫނުވެފައެވެ. މި މައްސަލަ ބޮޑުކޮށްފައިވަނީ ހަމައެކަނި އާންމު ރައްޔިތުންނެއް ނޫނެވެ، އެގޮތުން މިކަން ސަމާލުކަމަށް ގެނެސްފައިވާ ބައެއް ތަރިންގެ ތެރޭގައި ތާޕްސީ ޕަންނޫ، ވީރް ދާސް، ޑީނޯ މޯރިއާ، ސޯމްޔާ ޓަންޑަން، ކާމްޔާ ޕަންޖާބީ ފަދަ ތަރިން ހިމެނެއެވެ.

މިގޮތުން މިކަން ޓްވިޓާގައި އެންމެ ހިންގާލާފައި ވަނީ ތާޕްސީއެވެ. އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލޮކްޑައުންގެ ތިންމަސް ދުވަހުގެ ތެރޭގައި ގަނެގެންވިޔަސް ނުވަތަ އަލަށް ބޭނުންކުރިޔަސް ކަރަންޓުބިލު މޮޔަވާވަރަށް ބޮޑުވާން ބޭނުންކުރެވުނީ ކޮން ސާމާނުތަކެއް ކަމެއް އޭނާއަށް ނުވިސްނޭކަމަށެވެ،

ތާޕްސީ ވަނީ އޭނާގެ ކަރަންޓު ބިލުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުގެ ކަރަންޓް ބިލަށް އޭޕްރިލް މަހު 4390 ރުޕީސް އަރާފައިވާއިރު، މޭ މަހު އަރާފައިވަނީ 3850 ރުޕީސްއެވެ. ނަމަވެސް ޖޫން މަހު ބިލަށް އަރާފައިވަނީ 36000 ރުޕީސްއެވެ. މީގެއިތުރުން ތާޕްސީ ވަނީ، އެއްވެސް މީހަކު ނޫޅޭ ގެއެއްގެ އެޕާޓްމެންޓަށް އަރާފައިވާ ވަރު ފެންނަ ބިލެއްވެސް ހިއްސާކޮށްފައިއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!