ބިދޭސީން މަދުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން 22 ބީދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރަށްރަށުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން 22 ބީދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމުގެ ގޮތުންނާއި ރަށްރަށުގެ އިޖުތިމާއީ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް އުޅޭމުންދާ ބިދޭސީން މަދުކުރުމަށްޓަކައި އިމިގްރޭޝަނާއި، ޕޮލިހުންނާއި އަދި ރަށު ކައުންސިލްތަކުން ގުޅިގެން ވަނީ ޕްރޮގްރާމެއް ފަށާފައި ކަމަށެވެ. އެ ގޮތުން ކ.ހިންމަފުށި، އދ. ދަނގެތި އަދި އދ. މާމިގިލިން ޖުމްލަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށް ‘ރެގިއުލަރައިޒޭޝަން ޕްރޮގްރާމް’ ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. މިހާތަނަށް އައި އިރު 10،000 އެއްހާ ބިދޭސީން ރަޖިސްޓްރީކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ އިރު އަދިވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދޮޅު ލައްކައަށް އަރާނެ ކަމަށާއި، ސީދާ އަދަދު އެނގިވަޑައި ނުގަންނަވާ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވެފައި ވާއިރު، މި އަދަދުގެ ދެބައިކުޅަ އެއްބަޔަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!