ބޮޑެތި ބާރުތަކަކާއެކު ޕޮލިސް ބޯޑެއް އުފައްދަން ހުށަހަޅައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު އިތުރަށް ފުރިހަމަކުރުމަށް ސަރުކާރުގެ ފަރާތުން ބޮޑެތި ބާރުތަކަކާއެކު ޕޮލިސް ބޯޑެއް އުފައްދަން ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މި ހުށަހެޅުންތައް ގެނެސްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލާ ގުޅޭ ގޮތުން ލިބިފައިވާ ޚިޔާލުތަކުގެ އަލީގައި ކަމަށެވެ. އެޓާނީ ޖެނެރަލް އޮފީހުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ކޮމިޝަނަރ އޮފް ފޮލިސްގެ މަޤާމަށް މީހަކު ޢައްޔަންކުރުމުގެ މަރުޙަލާތަކުގައި ލަފާދޭނީ، މި ޤާނޫނުން އުފައްދާ ޕޮލިސް ބޯޑުން ކަމަށް ކަނޑައެޅުމާއެކު، ކޮމިޝަނަރު ޢައްޔަންކުރުމުގެ އިޖުރާއަތު އިސްލާހު ކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެގޮތުން ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވާލާނީ މިނިސްޓަރު ކަމާއި، މަޤާމު ހުސްވުމުގެ 3 މަސް ކުރިން އެ ފުރުޞަތު ހުޅުވާލަންވާނެ ކަމަށް ކަނޑައެޅުމާއި، ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަރވިއުކުރާ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެކުލަވާލާ ރިޕޯޓުގައި ވާ ކަންކަމަށް ރިޢާޔަތްކޮށް، ޕޮލިސް ބޯޑުން ރިޕޯޓެއް އެކުލަވާލައި މިނިސްޓަރަށް ހުށަހަޅާ ގޮތަށް ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ހަމައެކަނި ކޮމިޝަންޑް އަދި ނަން-ކޮމިޝަންޑް އޮފިސަރުން ހިމެނޭ ގޮތަށް ފުލުހުންގެ ރޭންކުތައް ބަދަލުކޮށް، މި ބަދަލާއެކު ކޮންސްޓަބަލުން ހިމެނޭނީ ނަން-ކޮމިޝަންޑް އޮފިސަރުންގެ ދަރަޖައިގައި ކަމުގައި ކަނޑައެޅުމާއެކު، ކޯޕްރަލްގެ ރޭންކް އުވާލައި، ފުލުހުންގެ ރޭންކުތައް ތަރުތީބުކުރެވިގެންވާ ގޮތަށް ބަދަލުގެނައުމަށް ވަނީ ހުށަހަޅާފައެވެ.

އަދި ފުލުހުންނަށް ދިވެހިރާއްޖޭގެ ކޮންމެ ތަނެއްގައި ޙަރަކާތްތެރިވެވޭނެ ކަމަށް ބަޔާންކޮށްފައިވާތީ، ޖިނާއީ ތަޙްޤީޤެއް ހިންގުމުގައި، ދިވެހިރާއްޖެއިން ބޭރުގައިވެސް ފުލުހުންނަށް ޙަރަކާތްތެރިވެވޭނެ ޙާލަތްތައް ބަޔާންކުރުމާއި، ފުލުހުންގެ ވަޒީފާއިން ވަކިވެ، ވަޒީފާއަށް ވަނުމާ ދެމެދު މީލާދީ 5 އަހަރު ފާއިތުވެފައިނުވާނަމަ، އެފަދަ ފަރާތްތަކުން ފުލުހުންގެ އަސާސީ ތަމްރީނުތައް ފުރިހަމަކުރަން ނުޖެހޭގޮތަށް، އެހެންނަމަވެސް، ޤާނޫނު ލާޒިމުކުރާ ފުލުހުންގެ ހުވާކުރަންޖެހޭ ގޮތަށް ކަނޑައަޅައި، ފުލުހުންގެ ޚިދުމަތުން ވަކިވުމަށްފަހު އަލުން ވަޒީފާއަށް ވަނުމަށް އެދޭ ފުލުހުންނާމެދު ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ.

ވާޖިބުގައި ނިޔާވާ ފުލުހުންނަށް ޢިނާޔަތުގެ ގޮތުގައި ދެވޭނީ ނިޔާވި ދުވަހު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތް އެއްކޮށްލުމުން ޖެހޭ ޖުމްލަ ފައިސާގެ ޢަދަދުގެ %140 އާ އެއްވަރުގެ ޢަދަދެއް ކަމުގައި ކަނޑައެޅުމާއެކު، ވާޖިބުގައި ނިޔާވާ ފުލުހުންގެ ޢާއިލާއަށް ދެވޭ ޢިނާޔަތްތައް، ވާޖިބުގައި ނިޔާވާ ރެކްރޫޓުންނަށް ވެސް ލިބިދޭ ގޮތަށް ބަދަލުކުރުމާއި، ވާޖިބުގައި އަނިޔާވާ ފުލުހުންނަށް ދެވޭ ޢިނާޔަތްތައް، ވާޖިބުގައި އަނިޔާވާ ރެކްރޫޓުންނަށްވެސް ލިބިދޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައެވެ.

އަދި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް ހިނގަނީ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިންކަން ކަށަވަރުކުރެވޭނެ އެކްސްޓަރނަލް ރިވިއު މެކޭނިޒަމެއް ތަޢާރުފުކުރުމުގެ ގޮތުން، ޕޮލިސް ބޯޑެއް އުފައްދައި، އެ ބޯޑުގެ ދައުރާއި މަސްއޫލިއްޔަތު ބަޔާންކޮށް، އެ ބޯޑު އެކުލެވިގެންވާނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރުންތަކެއްގެ މައްޗަށް ކަމުގައި ބަޔާންކުރާ މާއްދާތަކެއް ހިމެނޭ ގޮތުން އާ ބާބެއް އިތުރުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ފުލުހުންނަށް އެއްވެސް މީހަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރެވޭނީ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައެޅި ބަޔާންވެގެންވާ ޙާލަތްތަކުގައި، އެ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކުރުމާއި، މިނިސްޓަރަށް ވަކިވަކި ފުލުހުންނާ ސުވާލު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުމަށް އިސްތިސްނާއެއް ގެނެސް، ފުލުހުންގެ ޚިދުމަތުގެ ކަންކަން ހިނގަމުންދާ ގޮތާބެހޭ މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ފުލުހުންގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކާ ސުވާލުކުރުމުގެ ބާރު، މިނިސްޓަރަށް ލިބިދެވޭނެ ކަމަށް ބަޔާންކުރުމަށް ވަނީ ހުށަހަޅާފައެވެ.

އަދި ފުލުހުންގެ ޚިދުމަތް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި 241 ކޮމިޓީއާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް ބަދަލުގެނެސް، ފުލުހުން ޒިންމާދާރުކުރުވުމަށް އަލަށް ތަޢާރުފުކުރާ ޕޮލިސް ބޯޑުގެ މެންޑޭޓަށް ބައެއް ކަންކަން ބަދަލުކުރުމާއެކު، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރާއި ކޮމިޝަނަރާ ސުވާލުކޮށް، ކޮމިޓީން އިޞްލާޙުކުރުމަށް ހުށަހަޅާ ކަންކަމާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ލާޒިމުކޮށް، ކޮމިޓީން ހުށަހަޅާ ގޮތަށް އިޞްލާޙުކުރެވެން ނެތް ކަންކަން، ސަބަބު ބަޔާންކޮށް އެންގުމަށް ކަނޑައަޅައި، ކަމާބެހޭ ބާބު އިޞްލާޙުކުރުމަށް ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!