ސްކޫލްތައް ހުޅުވުމުގެ ތައްޔާރީތައް މިނިސްޓަރ ބައްލަވާލައްވައިފި

އައު އާންމު ހާލަތަށް ސްކޫލްތައް ހުޅުވުމަށް ވަމުންގެންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އަދި މިނިސްޓްރީގެ ޓީމެއް ވަނީ މިއަދު މާލެ ސަރަހައްދުގެ ސްކޫލްތަކަށް ޒިޔާރަތްކޮށްފިއެވެ.

ސްކޫލްތައް އަލުން ހުޅުވާލަން ނިންމާފައިވާ އިރު ސްކޫލް މާހައުލަކީ ދަރިވަރުންނާއި މުދައްރިސުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހޯދަން ޖެހޭ ތަކެތި (ސެނިޓައިޒާ، ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ ތަކެތި، އަތްދޮވުމަށް ސައިބޯނި) މިނިސްޓްރީއިން ގެންދަނީ ސްކޫލްތަކަށް ފޮނުވަމުންނެވެ. އަދި މިތަކެތި ގިނަ ސްކޫލްތަކަށް މިހާރު ލިބިފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަންގެ ޓީމުން ޒިޔާރަތްކުރި ސްކޫލްތަކަކީ މަޖީދިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން، އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ހުރަވީ ސްކޫލް، ރެހެންދި ސްކޫލް އަދި ޣާޒީ ސްކޫލެވެ.

ސްކޫލް މާހައުލުގައި ޖިސްމާނީ ގައިދުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސްކޫލަށް ވަދެ ނިކުންނަ ގޭޓްތައް ކައިރީ އަދި ކޮރިޑޯ ތަކުގައި ގައިދުރުކުރަން ފާހަގަތައް ލާފައިވާއިރު، ކްލާސްރޫމްތަކުގައި ދަރިވަރުން ތިބޭއިރު މޭޒުތަކުގެ ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ހުންނާނެއެވެ.

ޖުލައި އެއް ވަނަ ދުވަހު ސްކޫލްތައް އަލުން ހުޅުވާލަން ނިންމާފައިވާ އިރު މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތައް ހުޅުވޭނީ ގްރޭޑް 9 އަކުން މަތީގެ ދަރިވަރުންނަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!