ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ޖިންސީ ގޯނާގެ މައްސަލަތައް ބްރޯޑްކާސްޓަރުން ރިޕޯޓުކުރާ އިރު، ސަމާލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިލްތިމާސްކޮށްފި އެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭ ގޮތުން ފަތުރަމުންދާ ހަބަރުތަކާއި މައުލޫމާތުގެ ތެރޭގައި އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ޒާތީ މައުލޫމާތު ފަތުރަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ގޮތަށް ޚަބަރު ފެތުރުމަކީ އޭގެ ސަބަބުން އެ ފަރާތް އިތުރަށް ވިކްޓިމައިޒްވެ، އެ ފަރާތުގެ އިތުރަށް އެ ފަރާތާ ގުޅުންހުރި އެހެން ފަރާތްތަކުގެ ޙައްޤަށް ނުވަތަ އިންސާނީ ކަރާމާތަށް އުނިކަން އަންނާނޭ ކަމެއް ކަމަށާއި އަދި މި ފަދަ ޙާދިސާތަކުގެ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށްގެން މެނުވީ ޙާދިސާގެ މައުލޫމާތު ފެތުރުމަކީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅި އޭގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް މުޖުތަމަޢުއަށް ކުރާނޭކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

“ވީމާ، ޖިންސީ ގޯނާގެ ޙާދިސާތަކާ ގުޅޭގޮތުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، އަނިޔާ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ހާމަނުކުރުމަށާއި ޙާދިސާ ހިނގާދިޔަގޮތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި މެނުވީ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި “ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން” އާއި “ބްރޯޑްކާސްޓަކުރުމުގައި ކުޑަކުދިން ޙިމާޔަތްކުރުމަށް ޢަމަލުކުރަންވީ ގައިޑްލައިން” އާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ބްރޯޑްކާސްޓަރުންވެސް ޢަމަލުކުރުމަށް އިލްތިމާސްކުރަމެވެ” އެ ބަޔާނުގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!