އިތުރުފަރުވާއަށް ބޭނުންވާ 28 ބަލިމީހުން މިރޭ އިންޑިއާއަށް ފޮނުވަނީ

ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާސަރުކާރުން ދެއްވި ހުއްދައާއިއެކު، އާސަންދައިގެ ޚަރަދުގައި މިރޭ 28 ބަލިމީހުން އިތުރު ފަރުވާ ހޯދުމަށް އިންޑިއާއަށް ފޮނުވަން ހަމަޖެހިއްޖެއެވެ.

މި 28 ބަލިމީހުންނާއެކު އެމީހުންގެ އެހީތެރިންނާއި އަދި ބަލިމީހުންގެ ޞީއްޙީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް 2 ޑޮކްޓަރުންނާއި 5 ނަރުހުންވެސް މި މީހުންނާއި އެކު މިރޭ ފުރާނެއެވެ. އޭގެތެރެއިން 2 މީހުންނަކީ ސްޓްރެޗަރގަ ގެންދާ ދެ މީހުންނެވެ.

މި އެންމެންވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓުކުރެވި، ނަތީޖާ ނެގެޓިވްވެފައިއެވެ. އިންޑިއާއިންވެސް މި ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެއެވެ. އަދި އެ ޤައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެއެވެ.

މި އެންމެންގެ ވެސް ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓަރ، އެއިމްސް ގައެވެ. ކަރަންޓީނުގައި ތިބޭނީވެސް އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެއެވެ.

އިންޑިއާގަ ފްލައިޓް ލޭންޑްކުރާ ގަޑިއަށް ޕަސެންޖަރުން ބަލާ އެއިމްސް ގެ ފަރާތުން 4 ކާރާއި 5 އެމްބިއުލާންސާއި 4 ޓްރެވެލް ބަސް އަދި 21 ޕެރަމެޑިކުންނާއި ހޮސްޕިޓަލުގެ 3 މެޑިކަލް ކޯޑިނޭޓަރުން މި މީހުން ރިސީވްކުރުމަށް ތިބޭނެއެވެ. މީގެ ތެރެއިން 1 ކޯޑިނޭޓަރަކީ ދިވެހި ބަހުން ވާހަކަދައްކަން ދަންނަ ކޯޑިނޭޓަރެކެވެ. މަގުތަކުގެ ޓްރެފިކް ބޮޑޫ ނޫންނަމަ އެއަރޕޯޓުން ހޮސްޕިޓަލާ ދެމެދުގެ ދަތުރުގައި ވާނީ ގަޑިއެއްގެ އިރެވެ.

މިރޭގެ ފްލައިޓުން 37 ބަލިމީހުން ފުރުވަން ކުރިން ހަމަޖެހިފައިވީނަމަވެސް އެކި އެކި ސަބަބުތަކާހެދި ބައެއް ބަލިމީހުން މިދުވަސްވަރު ދަތުރުކުރުމަށް އުޒުރުވެރިވެފައިވާތީވެ މި ފްލައިޓްގައި ދަތުރުކުރަނީ 28 ބަލި މީހުންނެވެ.

މިރޭ ބަލިމީހުން ގޮވައިގެން މިދާ ފްލައިޓު އެނބުރި އަންނާނީ އިންޑިއާއަށް ފަރުވާ އަށް ގޮސް ނާދެވި ތިބި 7 މީހުން ގޮވައިގެންނެވެ.

އާސަންދައިގެ ދަށުން އިންޑިއާއަށް ދެވަނަ ފްލައިޓެއްގައި ދާން 50 އަށްވުރެ ގިނަ ބަލިމީހުން މިހާރުވެސް ވަނީ ލިސްޓުކުރެވިފައެވެ. މީގެ ތެރެއިންވެސް އެންމެ ކްރިޓިކަލް ބަލިމީހުން ފަރުވާއަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް އާސަންދައިން މިހާރުވެސްދަނީ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!