ޖިންސީ އަނިޔާގެ މައްސަލަތައް ޙައްލުކުރުމަށް އެކުގައި މަސައްކަތްކުރަން ޖެންޑަރ މިނިސްޓްރީން ތައްޔާރަށް އޮތްކަން ޖިންސީ އަނިޔާ އާއި ދެކޮޅަށް މިއަދުގެ މުޒާހަރާ އިންތިޒާމުކުރި “ވޮއިސް އޮފް ޗިލްރަން” ބުނެފިއެވެ.
ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކުރިމަތީ މުޒާހަރާ ކުރަން ފަށާފައި ވަނީ، މިދިޔަ ހުކުރު ދުވަހުގެ ފަތިހު ސަފާރީއެއްގައި ބިދޭސީއަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު ހަވީރު 16:30 ހާއިރު ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާގައި ވަނީ ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ އަނިޔާކުުރުމާ ދެކޮޅަށް އަޑުއުފުލައި ޝުޢޫރު ފާޅުކޮށްފައެވެ.
މުޒާހަރާ މުޒާހަރާ އިންތިޒާމުކުރި “ވޮއިސް އޮފް ޗިލްރަން”ގެ ފައުންޑަރެއްކަމަށްވާ އިކްލީލާ ހަމީދު ވިދާޅުވީ މިއަދު ނުކުމެ އަޑުއުފުލީ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހުއްޓުވާ އެފަދަ މައްސަލަތައް ބެލުން އަވަސްކުރުމަށްކަމަށެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އަތޮޅުތަކުގެ ރަށެއްގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރުމާއި ގުޅިގެން ފެށި މުޒާހަރާތައް ފަހަގަކުރައްވާ އިކްލީލާ ވިދާޅުވީ މި މަސައްކަތާ އެކީ މިފަދަ މައްސަލަތައް ބަލާ ވުޒާރާއާއި މުއައްސަސާތަކާއި ބައްދަލުވެފައިވާކަން ފާހަގަކުރާކަމަށެވެ.
ޖެންޑަރ މިނިސްޓްރީއާއެކު ކުރި މަޝްވަރާގެ ތެރެއިން މިހާރު މިފަދަކަންކަން ރަނގަޅަށް ބެލޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް އިކްލީލާ ވިދާޅުވިއެވެ. “ވޮއިސް އޮފް ޗިލްރަން”އިން މި ހަފްތާގެ ތެރޭ އަމިއްލަ ޖަމްޢިއްޔާއެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީކޮށް ފަށާނެކަމަށް އިކްލީލާ ބުންޏެވެ.
މިއާއެކު ޖެންޑަރ މިނިސްޓްރީއާއެކު ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވާކަމަށް އިކްލީލާ ބުންޏެވެ.