އެންއީއޯސީގެ މަސައްކަތްތައް ހެލްތް މިނިސްޓްރީގެ ދަށަށް

އަންނަ ބުދަ ދުވަހުން ފެށިގެން ކޯވިޑް-19އާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އައު މަރުޙަލާއަކަށް ބަދަލުކުރައްވާއިރު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ސަރުކާރުން ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ދަރުބާރުގެއަށް ޒިޔާރަތްކުރައްވާ، އެންއޯއީސީގައި މަސައްކަތްކުރާ ފަރާތްތަކާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުހަލާއަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އެގޮތުން އެންއޯއީސީން ކުރަމުން އައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުވެގެންދާނެ ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ކޮވިޑް-19 އާ ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ބައެއް އެހެން ގައުމުތައް ދިޔަ ފަދަ ގޯސް ހާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ހާލަތަށް އާދެވިފައި ވަނީ ސިއްހީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މައުލޫމާތުތަކުގެ ސަބަބުންކަން ފާހަގަކުރައްވާ އެ ފަރާތްތަކަށް ވެސް ރައީސް ޝުކުރު އަދާކުރެއްވެވިއެވެ.

އައު މަރުޙަލާއަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަދަލަކީ ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، އަދިވެސް މިކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. މީގެ އިތުރުން ކޯވިޑް-19 އާއި ދެކޮޅަށް ކުރެއްވި މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރެއްވި މިފަދަ މަސައްކަތްކަން ފާހަގަކުރައްވައި، މިގޮތަށް މި މަސައްކަތްކުރެވުނީ އެން.އީ.އޯ.ސީގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި އަދި ކަމާގުޅޭ އިސްވެރިން ކުރެއްވެވި ފުރިހަމަ މަސައްކަތުންކަން ފާހަގަކުރައްވައި އެ ހުރިހާ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ މި ޒިޔާރާތްކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެންއީއޯސީގައި ހުރި އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!