ސަފާރީ ކޭސް: ފުލުސް ހާޒިރުކުރަން ނިންމައި ވިކްޓިމްގެ ބަސް ހޯދަނީ

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އަނިޔާ ލިބުނު “ވިކްޓިމް”ގެ ބަހެއް ހޯދުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމައިފިއެވެ.

ހޯމަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި މި މައްސަލަ ދިރާސާ ކޮށްފައިވާއިރު، މެމްބަރުންގެ ފަރާތުން މައިގަނޑު 5 ކަމެއް ހުށައަޅައި ފާސްކޮށްފައިވެއެވެ. އެގޮތުން މި ހާދިސާއާ ގުޅިގެން ދެކެވޭ ވާހަކަތަކާއި، ވިކްޓިމްއާ ޙަވާލާދީ ނޫސްތަކުގައި ފެތުރޭ ޚަބަރުތަކުގައިވެސް ފުށުއެރުންތަކެއް ހުރުމާއެކު، މިކަމުގައި ސީދާ ވިކްޓިމްގެ ބަހެއް ކޮމިޓީން ހޯދުން މުހިއްމުކަން ކޮމިޓީ މެމްބަރުން ފާހަގަ ކޮށްފައިވެއެވެ. އެއާއެކު، އަނިޔާލިބުނު މީހާ ރުހޭނަމަ، އޭނާ ކޮމިޓީއަށް ހާޒިރުކޮށް، އޭނާގެ ބަހެއް ހޯދުމަށް ކޮމިޓީން ފާސް ކޮށްފައި ވެއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، މި މައްސަލައިގައި ފުލުހުން ޢަމަލު ކޮށްފައިވާ ގޮތް ތަފްސީލުކޮށް ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި މި މައްސަލަ ކުރިއަށްދާއިރު، ތަހުޤީޤު އެންމެ ރަނގަޅަށް ކުރިއަށްދާކަން ކަށަވަރު ކުރުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މުހިއްމު ޒިންމާތަކެއް ހިމެނޭކަން ފާހަގަ ކުރައްވައި މެމްބަރު އިމްތިޔާޒު ވިދާޅުވީ، ޕީޖީގެ ޤާނޫނީ ދައުރު އެންމެ ފުރިހަމައަށް އަދާކުރޭތޯ ވެސް ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

މެމްބަރު އިމްތިޔާޒުގެ މި ހުށައެޅުއްވުމަށް ކޮމިޓީގެ މެމްބަރުން ވެސް ތާއިދު ކުރައްވައި ވާހަކަ ދައްކަވާފައި ވެއެވެ. އެގޮތުން މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތާއި މެދު ޕީޖީގެ ހޯދުންތަކަކީ ކޮބައިކަން ކޮމިޓީން ބަލައި، އެކަމަށް މަޝްވަރާ ކުރުމަށް މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ. އަދި އަންގާރަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި މި މައްސަލައިގެ “ސީން” އަށް ދިޔަ އޮފިސަރާއި ބައްދަލުކުރުމާއި، ސްޓޭޝަން އިންޗާރޖާއި ބައްދަލު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން، މިފަދަ މައްސަލައެއްގައި އަނިޔާލިބުނު ފަރާތަަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދެވިފައި ވޭތޯ ކަށަވަރު ކުރުމަށް، ޖެންޑަރ މިނިސްޓްރީއަށް ހުށައަޅައި، އެ މައުލޫމާތު ކޮމިޓީން ސާފު ކުރުމަށް ވެސް މެމްބަރުން ފާސްކޮށްފައި ވެއެވެ.

ހުރިހާ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފަސް ކަމެއް ކޮމިޓީން ކުރުމަށް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުމްތާޒު މުހައްމަދެވެ. ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ހުށަހެޅުއްވުންތައް ފާސްކުރި އެވެ.

ފުރަތަމަ ހުށަހެޅުމަކީ، މާދަމާގެ ވަގުތެއްގައި ފުލުހުންނާ އެކު ދެ ބައްދަލުވުމެއް ތާވަލުކުރުމަށެވެ. އެ ގޮތުން ހުށަހެޅީ، ފުރަތަމަ ބައްދަލުވުމުގައި މައްސަލަ ހިންގި ތަނަށް އެޓެންޑްވި ފުލުހުން ހާޒިރުކުރުމަށާއި ދެވަނަ ބައްދަލުވުމަށް ސްޓޭޝަން އިންޗާޖާއި ތަހުގީގުގައި އިސްކޮށް އުޅޭ ފުލުސް އޮފިސަރުން ހާޒިރު ކުރުމަށެވެ.

ދެވަނަ ހުށަހެޅުމަކީ، ޖިންސީ ގޯނާގެ ޝިކާރައަށްވި އަންހެން ވިކްޓިމްގެ ބަހެއް ހޯދަން ކޮމިޓީން މަސައްކަތް ކުރުމަށެވެ. އެ ގޮތުން ކޮމިޓީއަަށް ވިކްޓިމް ގެނެސް އޭނާގެ ބަސް ހޯދާނީ އެ ކަމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތި، އަމިއްލައަށް އެ ގޮތަށް ބޭނުންވާނަމަ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ.

ތިންވަނަ ކަމަކީ، ޖެންޑާ މިނިސްޓްރީން އެ ވިކްޓިމްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހޯދުމެވެ. ހަތަރުވަނަ ކަމަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ފުލުހުންގެ ތަހުގީގު ގާތުން ބެލައި ޕީޖީގެ މަސައްކަތްތަކުގެ މައުލޫމާތުތައް ކޮމިޓީއަށް ފޮނުވަން އެދި އެ މުއައްސަސާއަށް ސިޓީއެއް ފޮނުވުމެވެ.

ފަހު ކަމަކަށް ރޮޒައިނާ ހުށަހެޅުއްވީ، މި މައްސަލައިގެ ހަބަރުތައް ރަސްމީ މީޑިއާތަކުން ފަތުރާއިރު، ވިކްޓިމްއަށް އިތުރު ގެއްލުމެއް ނުވާނެ ގޮތަށް، ތެދު މައުލޫމާތު މީޑިއާތަކުން ފަތުރަމުންދާ ކަން މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަނުން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކުރުމަށް ފަހު، ފަހުން ވަނީ ކުއްލި ގޮތަކަށް ދޫކޮށްލައިފަ އެވެ. އެ މީހުން ދޫކޮށްލީ “ނުފޫޒުގަދަ” ބައެއް ކަމަށް ބުނެ ފުލުހުންގެ އިސްވެރިން އެންގުމުން ކަމަށް ދަނީ އަޑުފެތުރެމުންނެވެ. ނަމަވެސް ފުލުހުން މި ކަން ދޮގު ކުރެ އެވެ. މައްސަލަ ބެލުމުގައި ނުފޫޒެއް ނެތް ކަމަށް ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!