ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީންނާއި ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮޮމެޓީން އަންނަނީ ބަލަމުންނެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވީ އެކަމުގައި ފުލުހުން އިހުމާލެއް އޮތްތޯ ބެލުމަށް އެންއައިސީ ހާޒިރު ކުރުމަށެވެ. އަދި އެ ކޮމެޓީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ވެސް އޭނާ ހުށަހެޅުއްވި އެވެ.
މީކާއީލްގެ ހުށަހެޅުއްވުމަށް، ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވަނީ ތާއީދުކުރައްވައިފައެވެ. އަދި އެ ހުށަހެޅުން މިއަދު ކޮމިޓީން ފާސްކުރީ ހުރިހާ މެމްބަރުންގެ ވޯޓުންނެވެ. ކޮމެޓީން ނިންމީ އެންއައިސީގެ މެމްބަރުން މާދަމާ ހާޒިރުވާން ތައްޔާރު ނަމަ މާދަމާ ހާޒިރު ކުރުމަށާއި މާދަމާ ހާޒިރު ނުވެވޭ ނަމަ ކޮމެޓީގެ އުސޫލުތަކުގެ ތެރެއިން ފަސް ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު އެ ކޮމިޝަންގެ މެމްބަރުން ހާޒިރު ކުރުމަށެވެ.