ޞިއްޙަތަށް ގެއްލުން ލިބޭ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުމަށް ބަހުސް ފަށައިފި

ދިވެހިރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން ޞިއްޙަތަށް ގެއްލުން ލިބޭ ބާވަތުގެ ތަކެތިން ނަގާ ޑިއުޓީ ބޮޑުކޮށް އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުން ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.

މިއީ އެކި ސިނާއަތްތައް ފަށައި، ތަރައްގީކުރުމަށް ބޭނުންވާ ތަކެއްޗާއި، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތީގެ ޑިއުޓީ ރޭޓު ކުޑަ ކުރުން ނުވަތަ ޑިއުޓީ ކަނޑާލުމަށް އިސްކަން ދީގެން އެކުލަވާލާފައިވާ ބިލެކެވެ.

މީގެ އިތުރުން ރާޢްޖޭގައި އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށްޓަކައި، މަސްވެރިކަމަށް ބޭނުންކުރާ އޮޑި ދޯނި ފަހަރާއި ބޯޓު ބަނުމާއި ޢިމާރާތްކުރުމަށް އަދި އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށްވެސް ހުށަހަޅާފައި ވެއެވެ.

މިބިލްހުށަހެޅި މަޤްޞަދުތަކުގެ ތޭރޭގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން، ދިވެހިރާއްޖެއަށް އެތެރެކުރެވޭ ބައެއް ބާވަތުގެ މުދަލުން އިމްޕޯޓް ޑިއުޓީ ނެގުން ކުޑަކުރުން ނުވަތަ ހުއްޓާލުމާއި، ޞިއްޙަތަށް ގެއްލުން ލިބޭ ބާވަތުގެ ތަކެތި ބޭނުންކުރުމުން ދުރުހެލިވުމަށް ބާރުއެޅުމަށްޓަކައި އެފަދަ މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމެވެ.

އެއްގަމު އުޅަނދުފަހަރު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ރަށްތަކެއްގައި ބޭނުންކުރާ ހާލަތުގައި އެ އުޅަނދުފަހަރަށް ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީ މާފުކުރެވޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން، އިމްޕޯޓް ޑިއުޓީ ދެއްކުމަކާ ނުލައި ވަގުތީ ގޮތުން އެތެރެކުރުމުގެ ހުއްދަ ދެމުން އައި އުޅަނދުފަހަރު އެތެރެކުރުން ހުއްޓާލައި، ވަކި ތާރީހެއްގެ ފަހުން އެފަދަ އުޅަނދުތަކުން އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ ގޮތަށް ކަނޑައެޅުންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ފަސިންޖަރުން އުފުލަން ހާއްސަކޮށްގެން ދުއްވާ އެއްގަމު އުޅަނދު ތަކުގެ ތެރެއިން ކާރު ޖީޕް އަދި ވޭންގެ ޑިއުޓީ 100 ޕަސެންޓަށް ކުޑަކުރަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ނުކުޅެދޭ މީހުން ދުއްވާ އިންޖީނުލީ ތަކެއްޗާއި، އެތަކެތީގެ އިންޖީނާއި އޭގެ ބައިތަކުން މިހާރު ނަގަމުން އަންނަ ފަސް ޕަސެންޓްގެ ޑިއުޓީ ސުން ޕަސެންޓަށް ހަމަޖެއްސުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.

ބޭބީކެރިއާ އާއި ބައިސްކަލާއި އޭގެ ބައިބައި ތަކުން ޑިއުޓީ ސުންޕަސެންޓަށް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅައިފައެވެެ.

ޑިއުޓީ ބޮޑުކޮށްފައިވާ ތަކެތީގެ ތެރޭގައި:

– ދުންފަތް އެކުލެވޭ ބާވަތްތަކުން %200
– ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް %200
– އީސިގިރޭޓް އަދި ދުނަފަތުގެ އިސްތިއުމަލު ކުރުމަށްބޭނުންކުރާ އާލާތްތައް އަޅާ ފްލޭވަރ ތެލާއި ކެމިކަލްސް %200
– ސިގިރޭޓާއި ބިޑި ހެދުމަށް ބޭނުންކުރާ ކަރުދާސް %200
– ހައިޑްރޯކްލޯފްލޯރޯފްލޯރޯކާބަންސް އެކުލެވޭތަކެތިން %100
– ބަޔޯޑިގްރޭޑަބަލް ނޫން ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ގޯނިން %400
– ޑްރިންކިންގ ސްޓްރޯއިން %400
– ސިންގަލް ޔޫސް ނުވަތަ ޑިސްޕޯސަބަލް ފިލްމާއި، ޝީޓާއި، ޓިއުބުރޯލް އަދި ޕްލޭޓްސްއާއި، ކަލްޓަރީސް ފަދަ ތަކެތިން %200
– ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގައުމުގައި ދުއްވާ އެއްޗެހީގެ ތެރެއިން ބޭނުންކޮށްފައި ހުންނަ، ކާރު، ޖީޕް، ވޭން %300
– ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އުޅަނދުގެ ތެރެއިން ކާރު، ޖީޕް، ވޭން، އޮޓޯ ސައިކަލާއި، މޮޓޯސައިކަލް ފިޔަވައި އެހެނިހެން އުޅަދުން %150
– ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގައުމުގައި ދުއްވާ އުޅަނދުގެ ތެރެއިން އެއްގަމުގައި ދުއްވާ ހައިބްރިޑް އުޅަނދު ތަކުގެ ތެރެއިން ބޭނުންކޮށްފައިވާ އުޅަދުން %150

މީގެ އިތުރުން ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 200 އިންސައްތައެވެ. އަދި ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަމުންދަނީ 25 އިންސައްތައެވެ. ޤާނޫނުގައިވާގޮތުން ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 2 ރުފިޔާއެވެ. ނަމަވެސް ސިނގިރޭޓަކަށް ނަގާ ޑިއުޓީ ބޮޑުކޮށް ސިގިރޭޓަކުން 3 ރުފިޔާ ޑިއުޓީއެއް ނެގުމަށް ވަނީ ހުށަހަޅާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!