ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމުން ފާތިމަތު އާމިރާ ނޫން އެހެން ހުރިހާ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދެންމެ ފާސްކޮށްފި އެވެ.
ކޮމިޓީއިން ވަކިކުރަން ނިންމި ހަތަރު މެމްބަރުންނަކީ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް އާއި، ނައިބު ރައީސް ޝަހީދު މުހައްމަދު އާއި މެމްބަރު ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު އެވެ. ހަތަރު މެމްބަރުން ވަކިކުރަން ވެސް ކޮމިޓީގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
އެ ހަތަރު މެމްބަރުންގެ އިތުރުން ކޮމިޓީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން ކުރިއަށް ގެންދިޔަ އެވެ. މިއަދު ނިންމާފައި ވަނީ އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އާމިރާ ފިޔަވައި، ސީއެސްސީގެ އެހެން ހުރިހާ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކުރިއިރު، އެކަމާ ހިޔާލު ތަފާތުވި ހަމައެކަނި ދެ މެމްބަރުންނަކީ ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގު (ފިޔެސް މޯޑު) އާއި ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމެވެ. އެ ދެބޭފުޅުން ވަކާލާތު ކުރެއްވީ، ކޮމިޝަނުން މެމްބަރުން ވަކިކުރާ ނަމަ ހުރިހާ ބޭފުޅުންނާ މެދު ވެސް އެގޮތަށް އަމަލު ކުރުމަށެވެ.