ހުޅުމާލެ ފަޅު ތެެރޭގައި އޮތް ސަރާފީއެއްގައި މިދިޔަ ހުކުރު ދުވަހުގެރޭ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައި ނެތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ނުފޫޒުން ކަމަށް އެއްވެސް ރައްޔިތަކު ނުދެކުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދި ވަޑައިގެންފިއެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ދޫކުރެވުނީ މި މަޖިލީހުގެ މެމްބަރެއްގެ ފިރިމީހާއަށް ވާތީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ ކަމަށާއި އެހެން ނަމަވެސް އެ މީހާ ދޫކޮށްލެވުނީ އެއިރަށް ތަހުގީގު ކުރަންޖެހޭ މިންވަރަށް ކުރުމަށްފަހު ކަމަށް ފުލުހުން ބުނެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
“އޭނާ ހައްޔަރުގައި ބެހެއްޓުން އެއީ، މިމަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ ބާރާއި ނުފޫޒުން ކަމަށް ހައްޔަރުގައި ނެތުން ކަމަށް އެއްގޮތަކަށް ވެސް އެއްވެސް ރައްޔިތަކުގެ ދެކިވަޑައިނުގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން.”
ނަޝީދު ވިދާޅުވީ ފުލުހުން ކުރާ އެއްވެސް ތަހުގީގަކަށް، ވަކިން ހާއްސަކޮށް ޖިންސީ ގޯނާއާއި ގެވެށި އަނިޔާއާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގާ ގުޅިގެން މަޖިލީހުގެ މެމްބަރަކު އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ނުވަތަ ކަމަކާ ހަވާލުވެ ހުރި މީހަކަށް އިރުޝާދެއް ނުވަތަ ލަފައެއް ދިނުމަށް ނުވަތަ މައުލޫމާތެއް ހޯދުމަށް ވެސް ފޯނުކޮށް ހެއްދެވުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން ހައްޔަރުކުރި 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ.