(ބުދަ ދުވަހުގެ ބަޔާގުޅޭ)
“ކަލެއަށް އެނގެނީ ކޮންއެއްޗެއް؟ ކަލޭއިނގިލި ނުބޮންޏާ އަހަރެން މިތާކު ނީންނާނަން” އަހަރެން ތެދުވާން އުޅޭންފެށުމުން އަހަރެންގެ އަތުގައި އެ އަންހެން ކުއްޖާ ވަގުތުން ހިފަހައްޓައިފިއެވެ.
“އިހަށް މަޑުކޮށްބަލަ! އަހަރެން މިދައްކާ ވާހަކައެއް ނިކަން އަޑުއަހާބަލަ!” އެއީ ހަމަޖެހޭ ކުއްޖެއްކަން އަހަންނަށް ޔަގީންވެއްޖެއެވެ. އެކަމަކު އަދިވެސް ޔަގީންކުރަން ބޭނުންވާތީ، އޭނާ ބުނަން އެ އުޅޭ ވާހަކައެއް އަހައިލުމަށް ޓަކައި އިށީންނީއެވެ.
“އަހަންނަށް އެނގޭ ތީ މޮޔައެއް ނޫންކަން!” އެ އަންހެން ކުއްޖާ މިހެން ބުނުމާއެކު، އަހަރެން ސިހުނެވެ. ފުން ނަޒަރަކުން އޭނާގެ މޫނަށް ބަލައިލެވުނެވެ. އޭނާގެ މޫނުމަތީގައި ވަނީ އޯގާވެރިކަމެވެ. މަޑުމައިތިރިކަމެވެ. ހިތްހެޔޮކަމާއި ގާތްކަމެވެ.
“އަހަރެން ވަރަށް ގިނަ ދުވަސް ވާންދެން ކަލޭ އުޅޭނޫޅޭގޮތް ބަލައިފިން. ހަމަނުޖެހޭ މީހެއްގެ ކިބައިގައި ހުންނަ ކަހަލަ އެއްވެސް ކަމެއް ކަލޭގެ ކިބައަކުން އަހަންނަކަށް ފާހަގައެއް ނުކުރެވުނު! ތީ މޮޔައެއް ނޫން! އެހެންވީމާ އަހަރެންގެ ކުރިމަތީގައި ތިޔަހެން ނޫޅެ، އަހަންނަކީ އެކުވެރިއެއް ކަމަށްބަލާ! ރަޙުމަތްތެރިއެއް ކަމަށްދެކޭ!”
އަހަންނަށް ޖެހިފައިވާ ނިކަމެތި ހާލު، ހިތަށް ތަދުކުރާން ފެށުމުން ނުވެނުދާނެގޮތް އެ ވަގުތު ވެއްޖެއެވެ. އާއެކެވެ. ރޮވުނީއެވެ. އެއިރު އެ އަންހެންކުއްޖާގެ ދެ ލޮލުގައި އުފެދެމުންއައި ކަރުނައިގެ ހިތި ކޯރު ވެސް އެވީރާނާ ދެ ލޮލުން ބޭރުވާން ފަށައިފިއެވެ.
“ރޮއި ހިތާމަކުރުމަކުން ކުރާނޭ އެއްވެސް ފައިދާއެއް ނޯންނާނެ! ހަށިގަނޑަށް އިތުރު އަނިޔާއެއް ލިބުންނޫން ކަމެއް ނުވާނެ.” އަހަރެންގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ވަރަށް އޯގާވެރިކަމާއެކު އެކުއްޖާ ފޮހެލަދިނެވެ.
“އަހަރެން ވަރަށް ހިތްވަރުކޮށްފިން. އަދިވެސް ހިތްވަރު ކުރާނަން. އެކަމަކު މި ފަދަ އަނިޔާއެއް އަހަރެމެންނަށް ލިބެމުން މިދަނީ………” އަހަންނަށް ހިތްވަރުކޮށްފައި ވެސް ބުނެވުނީ މިހައިވަރަށެވެ. އަރުބެދިއްޖެއެވެ. އިހުނަށްވުރެ ބޮޑަށް ރޮވޭން ފަށައިފިއެވެ.
“އަނިޔާ ނުލިބެނީ ކާކަށް؟ އިރާދަކުރެއްވީތީ އަހަރެމެންގެ ބުއްދި އާއި ވިސްނުމަކަށް އަދި އެއްވެސް އުނިކަމެއް ނުލިބެއެއްނު. ނިކަން ދެކިބަލަ ތި ތިބަ އުޅޭ ނިކަމެތި އަންހެނުން ތަކެއް! އެއީ ވެސް ހަމަ އަހަރެމެން ކަހަލަ ނިކަމެތި އަންހެނުން. އެ މީހުންނަށް މި ތަނުން ލިބުނު އަނިޔާއާއި، ހިތްދަތިކަމުގައި އެ ތިބީ ދުނިޔެއިން މޮޔަވެ، ހޭބުއްދިފިލައި ގޮސްފައި. އެ މީހުން ކިހައި ބޮޑެތި އަނިޔާތަކަކާއި ހިތާމަތަކެއް ބަރުދާސްތުކޮށްފައި ވާނެ! ނިކަން އިހްސާސް ކޮށްލަބަލަ!”
އެ އަންހެން ކުއްޖާގެ މި ޖުމުލަތަކާމެދު އަހަރެން ވިސްނައިލީމެވެ. އާއެކެވެ! އެއީ ވަރަށް ވެސް ބޮޑުތެދެކެވެ. އެ މީހުންނަށް އެ ފަދަ ހާލެއް ޖެހިފައި އެ ވަނީ ހަމަ ހިތްދަތިވެގެންނެވެ. ސިކުނޑިއަށް ކެތްނުކުރެވުމުންނެވެ. ވީއިރު އެ މީހުން އެ ކުރާ ކޮންމެ ކުށަކާއި ފާފައެއްގެ ޒިންމާ ނަގަން ވާނީ މި ތަނުގައި އުޅޭ އަނިޔާވެރިންނެވެ.
“އަހަރެން މަރުވަން ދޫކޮށްލި ނަމަ…. ކީއްކުރަން ސަލާމަތް ކުރީ؟”
“އަހަންނަކީ ވެސް ހަމަ ތިޔަ ފަދަ ނިކަމެއްޗަކީން. ކަލެއެކޭ އެއްގޮތަށް މިހިރީ ޖަލުގައި ހައްޔަރުވެފައި. އަހަންނަށް ފުރަތަމަ ކަލޭފެނުނު ދުވަހުވެސް އާދަޔާޚިލާފު ގޮތެއް ފާހަގަކުރެވުނު.”
“އެއީ. ………؟ އެއީ ކީއްވެ؟”
“މި ތަނުގައި ހައްތާވެސް އުޅެނީ މޮޔައިން. ބުއްދިގޯސްވެފައިވާ މީހުން. އެ މީހުންގެ އުޅުމާއި، ކަލޭގެ އުޅުން ވަރަށް ތަފާތު. އެހެންވެ ފުރަތަމަ ދުވަހުން ފެށިގެން ކަލޭގެ އުޅުމާއި ވާހަކަތަކަށް އަހަރެން އައީ ސަމާލުކަންދެމުން. އަހަންނަށް ކުރެވުނު ހީ ޔަގީނަށް ބަދަލުވީ މިއަދު.”
“ކަލެއަށް މި ތަނަށް ވަންނަންޖެހުނީ………؟”
“އާނ! އަހަންނަކީ މޮޔައެއް ނޫން. އެކަމަކު މޮޔައިންގެ ޖަލެއްގައި ދުވަސްތައް ހޭދަކުރަމުން މި ގެންދަނީ. އަހަރެންނަށް މި ތަނުގެ ވަރަށް ގިނަ ކަންތައްތައް އެނގޭ! އެހެންވެ، އަދަބު ލިބޭގޮތްވުމުން އަމިއްލައަށް މޮޔައަކަށް ހެދިގެން މި ތަނުގައި އިންނަނީ. އަހަރެން މި ތަނުގައި އުޅޭތާ މިހާރު އަހަރެއްހައި ދުވަސްވެދާނެ.” އެ އަންހެން ކުއްޖާގެ އަޑުގައި ވަނީ އަޖައިބެއް ކަހަލަ ރިހުމެއް އެކުލެވިފައެވެ.
“އެހެންވިއްޔާ ވަރަށް ތަފާތު ކަންތައްތަކާ ދިމާވެފައި ހުންނާނެތާ!”
“އާނ! ތި ވާހަކަ ނުދައްކާ! އެ ކަންތައްތަކާ މެދު ވިސްނާ ނަމަ މިހާރު އަހަރެން ހުރީހީ މޮޔަވެފަ. ބައެއް ދުވަސްދުވަހު، ލިބޭ އަނިޔާގެ ބޮޑުކަމުން އަމިއްލައަށް މަރުވާން ވެސް ހިތަށްއަރާ! އެކަމަކު އެއީ އަދިމާ ގޯސްކަމެއްކަމަށްވާތީ، ކެތްތެރިވެލައިގެން އިންނަނީ” އެ އަންހެން ކުއްޖާގެ ދެ ލޮލުން ކަރުނަ އޮހެމުން ދެއެވެ.
“އަހަރެން ވެސް މި ޖަލުގައި ހޭދަކުރާތާ މިހާރު މަހަކަށްވުރެ ގިނަވެދާނޭ ހެންހީވޭ. އެކަމަކު ކަލޭ ދުށް ހަނދާނެއް ނުވޭ.”
“މި ހުރިހައި މީހުންގެ ތެރެއިން ފާހަގަ ނުކުރެވިދާނެ!”
“ކޮންނަމެއް ކިޔަނީ؟ ” އަހަރެން ސުވާލުކޮށްލީމެވެ.
“ޖޫލިޔަޓް”
“މަށަށް ކިޔަނީ ރީޝާ! އަހަރެންގެ ގައުމަކީ ދިވެހިރާއްޖެ.”
“ދިވެހިރާއްޖެއޭ. އެއީ ކޮންތަނެއް؟”
“އެއީ އިންޑިޔާ ކަނޑުގައި އޮންނަ ވަރަށް ކުޑަ ޖަޒީރާ ގައުމެއް.”
“ދެން ކީއްވެ މި ތަނުގައި ހައްޔަރުވާގޮތްވީ؟” ޖޫލިޔަޓްގެ މޫނުމަތިން ހައިރާންކަމުގެ އަސަރު ފާޅުވެގެން ދިޔައެވެ.
އަހަރެން ވަރަށް އަސަރާއެކު އަހަންނަށް ދިމާވި ގޮތް ޖޫލިޔަޓަށް ކިޔައިދިނީމެވެ. އެއިރު އަހަރެންގެ ދެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔައެވެ.
އަހަރެންގެ ވާހަކަ ނިންމާލިތަނާ، ފުންމައިގެން ކަހަލަ ގޮތަކަށް ޖޫލިޔަޓް ތެދުވެއްޖެއެވެ. އަދި އަހަރެންގެ އަތުގައިހިފައި ނަގައި ބޭރަށް ކޮށްޕާލައިފިއެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ނަމަވެސް ހަމަ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވީގޮތް އެނގިއްޖެއެވެ. ކޮންމެ ދުވަހެއްގެ ވެސް އާދައިގެ މަތިން ޖަލުގެ ސަރުދާރު އަންނަނީއެވެ. އޭނާ ފެނުމުން، ގޮތެއް ފޮތެއްނެތް މޮޔަ އަންހެނުންތައް އޭނާގެ ގަޔަށް ބޮލަށް އަރަން ފަށައެވެ. ހަމައެއާއެކު، އޭނާގެ އަތުގައި އޮންނަ ފަސް ފޫޓެއްހައި ދިގު ލަޓިބުރި އެ މީހުންނާ ދިމާއަށް ހޫރާލައެވެ. ދެތިން ހަތަރު އަންހެނުން ތިރިނުވާ ފަހަރެއް ނުދެއެވެ. ކޮންމެވެސް ތަނެއް ފަޅައިގެން، ނުވަތަ ފުނޑުފުނޑު ވެގެންނެވެ.
އެ މީހާ ކޮންމެ ދުވަހަކު 1 ފަހަރު ޖަލަށް ވަދެއެވެ. މަރުވެފައި ތިބި މީހުންތައް ބޭރުކޮށް، އަދި ރަނގަޅު ވެފައި މީހަކު ހުރެއްޖެ ނަމަ އެ މީހަކު ވެސް ނެރޭނެއެވެ. އެ ގޮތުން މިއަދު ވެސް ސަރުދާރު ވަދެގެން އެ އަންނަނީ، އޭނާގެ ވާޖިބު އަދާކުރާށެވެ.
އެ މީހާއަށް ނުފެނި، އަހަރެން އަވަސް އަވަހަށް އަހަންނަށް ޚާއްސަ ކުރެވިފައިވާ ގޮޅިއަށް އައީމެވެ. އޭރު އަހަރެންގެ ހިތަށް ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފަ އެވެ. އެކުވެރިޔަކު ލިބުނީތީއެވެ.
އަހަރެން އެކަނިމައިއެކަނި ގޮޅީގައި އިށީނދެލައިގެން އިންދާ، ވަޒީފާ ފުރިހަމަކޮށްފައި ސަރުދާރު ނިކުމެގެން ހިނގައްޖެއެވެ. އެންމެ ސިކުންތެއް ވެސް ބޭކާރުކޮށްނުލައި ޖޫލިޔަޓް އިންނަ ގޮޅިއާ ދިމާއަށް އަހަރެން ހިނގައިގަތީމެވެ. އެ ގޮޅިއަށް ވަނުމާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޖޫލިޔަޓް އޮތްގޮތް ފެނިފައި ހައިރާންވެ އަންތަރީސްވިއެވެ. އޭނާލައިގެން އުޅުނު ޔުނީފޯމް އޮތީ މާދުރުގައެވެ. އޭނާއޮތީ ބަނޑުވަތަށް ކަހަލަ ގޮތަކަށް ރޯށެވެ.
މި ފަދަ މަންޒަރުތަކަކީ އަހަރެންގެ ލޯ ހޭނިފައި ހުރި މަންޒަރުތަކެވެ. އެެހެންނަމަވެސް ޖޫލިޔަޓަށް މި ފަދަ ހާލެއް ޖެހިފައި އޮއްވާ ފެނުމުން އަހަރެންގެ ހިތަށް ކުރީ ބަޔާންކުރަން ދަތި ފުން އަސަރެކެވެ. ކޮންމެވެސް މީހެއްގެ ފަރާތުން އޭނާއަށް ލިބިފައިވާ އަނިޔާއެއްކަމާމެދަކު ޝައްކެއް ނެތެވެ.
އަހަންނަށް ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް، އެއްލައިލައިފައިއޮތް ޔުނީފޯމް ނަގައި، ޖޫލިޔަޓްގެ ގައިމަތީގައި އަޅައިލެވުނެވެ. އެއިރު އަހަރެންގެ ހިތް ތެޅެމުންދެއެވެ.
އަހަރެން ޖޫލިޔަޓްގެ ގާތުގައި އިށީނދެ، ދެ ފަހަރަކު އޭނާއަށް ގޮވާލައިފީމެވެ. އޭނާ އަހަރެންގެ މޫނަށް ބަލައިލިއެވެ. އަނިޔާ ލިބިފައިވާ އެ ފަކީރުގެ ދެ ލޮލުން ފެންނަން ހުރީ ލަދުވެތިކަމާއި، ހިތްދަތިކަމުގެ އަސަރުތަކެވެ. އޮހެމުންދަނީ ވޭނާއި، ރިހުން އެކުލެވިފައިވާ ކަރުނައެވެ. އަހަންނަށް ދެ ލޯ މަރައިލެވުނެވެ. ހިންދިރުވައިލެވުނެވެ. ހިތަށް ވެގެންދިޔަ ގޮތްތަކެއްގެ ސަބަބުންނެވެ.
“ކިހިނެއްވީ؟ ތީ ކާކުގެ އަނިޔާއެއް؟” އަހަންނަށް ވެސް ރޮވިއްޖެއެވެ.
އަހަރެންގެ ސުވާލަށް ޖޫލިއަޓް ޖަވާބު ދިނީ އޭނާގެ ދެ ލޮލުން ފައިބަމުން ދިޔަ ހިތި ކަރުނައިންނެވެ. އޭނާއަކަށް އަނގައިން ބުނާނޭ ހިތްވަރެއް ނުލިބުނެވެ. ރޮވެނީއެވެ. ގިސްލެވެނީއެވެ. ކުޑަކޮށް ވެސް ހަމައަކަށް އެޅުނީ އަހަރެން އެތައް ވާހަކަތަކެއް ދެކުމުންނެވެ.
އެހައި ހިސާބުން އަހަރެން ނިކުތީ ބޭރަށެވެ. ކުޑައިރުކޮޅަކުން ވަންއިރު އޭނާ އިނީ ޔުނީފޯމް ލައިގެންނެވެ. އެއިރުވެސް އޭނާގެ ދެ ލޮލުން ކަރުނައިގެ ތެތްކަމެއް ނުފިލައެވެ.
“އާކަމެއްނޫން!” އަހަރެން ވަދެ ޖޫލިޔަޓްގެ ގާތުގައި އިށީނދެ ހަމަޖެހިލިތަނުން، އަހަރެންގެ ކަންފަތުގައި ޖެހުނީ ޖޫލިޔަޓްގެ ރިހުން އެކުލެވިފައިވާ އަޑެވެ.
“ޖަލުބަލަހައްޓާ މީހާގެ ފުށުން އަހަންނަށް މި އަނިޔާ ނުލިބޭ ދުވަހެއް ވަރަށް މަދުވާނެ! އަހަރެންގެ އިއްފަތްތެރިކަމަށް އޭނާ އަރައިނުގަންނަ ދުވަހެއް……..” ޖޫލިޔަޓްގެ އަރު ބެދުނެވެ. ދެ ލޮލުން ކަރުނަ އޮހިގަތެވެ. އަހަންނަށް އިނދެވުނީ، ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިތަށް ކުރި ފުން އަސަރެއްގެ ސަބަބުންނެވެ.
“އަހަންނަށް އެހައި ބޮޑަށް މިއަދު ރޮވުނީ……. ރީޝާއަށް މިކަން އެނގުމުން… އެކަމަކު…… އަހަރެން ދެން ދުނިޔޭގައި ހުރުމުގެ ބޭނުމަކީ ކޮބާ؟”
އަހަރެންގެ ހިތުން ލޭއޮހޮރިގަތް ކަހަލައެވެ. ހަގީގަތުގައި ވެސް މިހާރު އޭނާގެ އެއްވެސް ބޭނުމެއްނެތެވެ. މަރުނުވާތީ ދުނިޔޭގައި އިނީއެވެ. ހުރިހާ އެއްޗެއް އެ ވަނީ ލޫޓުވާލައިފައެވެ. ފޭރިގެންފައެވެ. އެނުބައި ނުލަފާ މީހާ އޭނާގެ އިއްފަތްތެރިކަމަށް އަރައިގެންފައި ވަނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ.
ޖޫލިޔަޓްގެ ވާހަކަކޮޅު އިވިފައި އަހަރެންގެ ހިތް ވަގުތީ ގޮތުން މަސައްކަތް ހުއްޓާލައިފައި ނިދި ކަހަލައެވެ. އެކަމަކު އޭނާ ހާދަ ކެތްގަދައެވެ. އަހަންނަށް އެފަދަ ގޮތެއް ދިމާވެއްޖެ ނަމަ، ހިތް ފަޅައިގެން ގޮސް މަރުވާނެ ކަންނޭނގެއެވެ. މި ހުރިހައި އަންހެން ކުދިން ތިބި ތަނެއްގައި ކޮންމެ ދުވަހަކު ޖޫލިޔަޓަށް މި އަނިޔާ ދިނުމުގެ ސިއްރަކީ ކޮބައިބާވައެވެ؟ މި ތަނުގެ އެހެން މީހުންނާ ޖޫލިޔަޓާ ތަފާތެވެ. އޭނާ ބައިންދާފައި މި އިންނަނީ ވެސް ކުޑަކުޑަ ގޮޅިއެއްގައި އެކަނިމައި އެކަންޏެެވެ. އެހެން މީހުންނާ މުޅިން އެކަހެރިކޮށްފައެވެ. މި ކަމުގައި ވަރަށް ބޮޑު ސިއްރެއް އޮންނާނެކަން ކަށަވަރެވެ.
“މި ހުރިހައި އަންހެނުން ތިބި ތަނަކުން ކޮންމެ ދުވަހަކު ޖޫލިޔަޓަށް ތިޔަ އަނިޔާ ލިބެންވީ ކީއްވެ؟” ޖޫލިޔަޓުގެ މޫނަށް ބަލާންނުކެރިގެން އަހަރެން އިނީ އިސް އޮބާލައިގެންނެވެ.
(ނުނިމޭ)