ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިފި

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ނޫން ކަމަށް، ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އޭރު ފާރިސް ހައްޔަރުކުރީ 2018ވަނަ އަހަރުގެ މާޗު މަހުގެ 21ވަނަ ދުވަހުއެވެ. ނަމަވެސް މި މައްސަލަ ހައިކޯޓުގައި އޮންނަތާ އެއް އަހަރާއި 9މަސް ވަނީ ވެފައެވެ. ކްރިމިނަލް ކޯޓުން އޭރު ފާރިސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރުމުން ހައިކޯޓުގައި އެ މައްސަލަ ރަޖިސްޓްރީ ކޮށްދީފައި ވަނީ 2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6ވަނަ ދުވަހުއެވެ،ރިޔާސީ އިންތިހާބުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިވުމުން ފާރިސްވެސް ޖަލުން މިނިވަން ކުރިއެވެ.

ނަމަވެސް ބަންދާއި މެދު ހައިކޯޓަށް ހުށަހެޅި މައްސަލައަށް ވަކި ގޮތެއް ނިމިފައެއް ނުވެއެވެ. އެ މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑައަޅާފައި މިވަނީ މިއަދުއެވެ.ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަންޖެހޭ މާއްދާ އާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހުއްޓާލާފައި ވަނިކޮށް ކަމަށް ހައިކޯޓުން ބުނެއެވެ.

މީގެއިތުރުން ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮއްވައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށްވެސް ހުކުމްގައިވެއެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އެކަން ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.

ޝަހުސު އޮޅުވާލި ކަމުގެ ކުށް ސާބިތުވެ، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ހަތަރު މަހަށް ޖަލަށް ލާން ވެސް ހުކުމް ކުރިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ.

ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން، ރިޝްވަތުގެ ދައުވާ ވެސް އުފުލިއެވެ. އެހެން ނަމަވެސް ދެ ދައުވާވެސް ވަނީ ފަހުން އަނބުރާ ގެންގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!