ޝިދާތާގެ ފާޑުކިޔުން ޖީހާނަށް

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލި މައްސަލާގައި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ނުރުހުން ފާޅުކުރައްވައިފިއެވެ.

މިގޮތުން ޝިދާތާ ފޭސްބުކްގައި އާންކު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ އެކަމަނާގެ ވަޒީރު ކަމުގައި ކުޑަކުދިންނާއި އަންހެނުންނާއި އިންސާނީ ކަރާމާތާއި ގުޅުން ހުރި މައްސަލަތަކުގައި ވަޒީރު ޖަވާބުދާރީ ކުރުވުމަގައި މަޖިލީހުގެ ޖެންޑަަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ދެފައި އެއްތާ ނުޖަހާކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން 2 މީހަކު ހައްޔަރުކޮށް އެ ދެ މީހުން ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގައި ގޯނާ ލިބުނު އަންހެން މީހާ، އެއްބަޔަކު ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ އެކަން ކުރި މީހުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ނުވެފައި ވެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދާއިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޝިދާތާ އިސްތިއުފާ ދެއްވުމުގެ ކުރިން، ދެ އަހަރުގެ ކުޑަކުއްޖާ ރޭޕް ކުރި މައްސަލައިގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީއަށް ހާޒިރު ކުރިއެވެ. އޭރު ޝިދާތާ ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ކަމާއި ބެހޭ އިތުރު މުވައްސަސާތައް ވެސް ހިމެނޭ ގޮތަށެވެ. އަދި ޖެންޑާ މިނިސްޓްރީން، އެންމެ ރަނގަޅު ގޮތުގައި ޒިންމާ އަދާ ނުކުރާކަމުގެ ތުހުމަތުތައް ކޮމިޓީގައި ކުރެވުނެވެ. އެރޭގެ ކޮމިޓީގައި، މުގައްރިރަކަށް ހުންނެވީ ޖީހާންއެވެ.

މަޖިލީހުގައި ވެސް މެމްބަރުން ވަނީ ޝިދާތާއަކީ ފެއިލްވެފައިވާ ބޭފުޅެއްކަމަށާއި، މަގާމުން ވަކި ކުރަން ޖެހޭކަމަށް ބުނެ އަޑު އުފުލާފައެވެ.

ސަފާރީ މައްސަލައިގައި، މާދަމާ ޖެންޑާރގެ ކޮމިޓީއެއް ބާއްވާއިރު ޖީހާން ކޮމިޓީގައި ބައިވެރިނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!