ފޮޓޯ: ގޫގުލް

ރޭޕްކުރުމާ ދެކޮޅަށް މާދަމާ އެއްވުމެއް ބާއްވަނީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައިވާ އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ ހޫނުވެފައި ވަނިކޮށް ރޭޕްކުރުމާ ދެކޮޅަށް މާދަމާ އިހުތިޖާޖު ކުރުމަށް ނިންމައިފިއެވެ.

މި އެއްވުން އިންތިޒާމު ކުރަނީ މީގެކުރިންވެސް މިފަދަ އެއްވުންތައް ބާއްވާފައިވާ ވޮއިސް އޮފް ޗިލްޑްރަން އިންނެވެ. މި އެއްވުން އޮންނާނީ މާދަމާ ހަވީރު ޖެންޑާ މިނިސްޓްރީ ކައިރީގައެވެ. ނަމަވެސް އެއްވުމަށް ދާނައިރު އެކަކު އަނެކަކުގެ ރައްކާތެރި ކަމަށްޓަކައި މާސްކު އެޅުމަށާއި އަދި އެއްވުން ކުރިޔަށް ދާއިރު އިޖުތިމާއީ ގައިދުރު ކަމަށް އިސްކަން ދިނުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފައެވެ.

މި މައްސަލައަކީ މިހާރު އެންމެ ބޮޑުވެފައިވާ އެއް މައްސަލަ ކަމަށްވާއިރު، މައްސަލަ އެހާ ބޮޑުވެފައި ވަނީ މި މައްސަލާގައި ޝާމިލުވާ ފަރާތަކީ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ފިރިމީހާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެންނާއި މި މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުން ދޫކޮށްލުމުންނެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ފުލުހުން ވަނީ ދޫކޮށްލާފައެވެ.

އެ ދެ މީހުން ދޫކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައިވާއިރު، މިކަމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިހާރު ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!