IruOnline

ރާއްޖެ އިޝްތިހާރުކުރި ލަލީގާގެ މެޗު 50 މިލިއަން މީހުން ބެލި

ދިވެހި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތަކާ އެކު ރޭ ސްޕެނިޝް ލީގުގައި ކުޅުނު ބާސެލޯނާ އާއި ސެލްޓަވިގޯ ބައްދަލުކުރި މެޗު 50 މިލިއަން މީހުން ބަލާނެކަމަށް އަންދާޒާކުރެވޭކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސްޕެނިޝް ލީގުގައި ވާދަކުރި ސެލްޓާ ވީގޯއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާއިން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން މެސީ، ސުއާރޭޒް، ގްރީޒްމަންފަދަ ދުނިޔޭގެ މަޝްހޫރު ތަރިން ރޭ ކުޅުނު މެޗު ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްފައެވެ.

އެގޮތުން ސެލްޓަވިގޯގެ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުގައި ވަނީ، ކޮންމެ ލަލީގާ މެޗެއް ފެށުމުގެ ކުރިން ދަނޑުގެ ސެންޓަ ސާކަލްގައި އެ މެޗެއްގެ ކުރިން އޮންނަ އެޑްވަޓައިޒްމަންޓުގެ ފުރުސަތަކާއެކު ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން ސެންޓަ ސާކަލްގައި ވިޒިޓް މޯލްޑިވްސް ރަމްޒުކޮށްދޭ ފޮތިގަނޑެއް ދައްކާލައިފައެވެ. އެ ފޮތިގަނޑުގައި ވިޒިޓް މޯލްޑިވްސްގެ ލޯގޯގެ އިތުރުން ރާއްޖޭގެ ބޯޑަރު ހުޅުވާލާ ތާރީހު ވެސް ފެނިގެންދިޔައެވެ. އޭގެ އިތުރުން ދަނޑުގެ ވަށައިގެން ޖަހާފައިވާ ބޯޑުތަކުން ވެސް އެ އިސްތިހާރުތައް ފެނިގެންދިޔައެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ސެލްޓަވީގޯގެ ބަލައިޑޮސް ސްޓޭޑިއަމްގައި ކުޅުނު މެޗު އެތައް މިލިއަން ބަޔަކު ބަލާފައިވާއިރު، ޖުލައި 15ގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުން އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް މިމެޗުގެ ތެރެއިން ކުރިއަށްގެންދިޔަކަމަށެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!