ހުސްވި މަހާއި މިމަހު ގެވެށި އަނިޔާ އިތުރު: ޖެންޑާ މިނިސްޓްރީ

މިދިޔަ މަހުގެ ފަހުކޮޅުންފެށިގެން އަނިޔާގެ މައްސަލަތައް ހުށައެޅޭ އަދަދު އިތުރުވެފައިވާކަމަށް ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފެމިލީ ޖެންޑަރ އެންޑް ސޯޝަލް ސަރވިސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ލޮކްޑައުން ފެށުނުއިރު އަނިޔާގެ ކޭސްތައް މަދުކަން ފާހަގަ ކުރެވުނު ނަމަވެސް މިހާރު އަނިޔާ އާއި ގުޅުންހުރި ކޭސްތައް އިތުރުވެފައި ވާކަމަށެވެ. އެގޮތުން މޭމަހުގެ ފަހުކޮޅުން ފެށިގެން ޖޫންމަހުގެ މިހާތަނަށް ކޭސްތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ޖިސްމާނީ އަނިޔާގެ މައްސަލަތައް އިތުރުވެފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވެސް މި މުއްދަތުގައި އިތުރުވެފައިވާކަން ފާހަގަ ކުރެވެ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ތަފާސްހިސާބުތަކާ އަޅާ ކިޔާ އިރު މިއަހަރު މައްސަލަތައް ވަކި އިތުރުވެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މިހައިތަނަށް ހުށަހެޅި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގެ އަދަދަކީ 387 މައްސަލަ އެވެ. އެއީ އަންހެންކުދިންނާ ގުޅޭ 221 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅޭ 166 މައްސަލަ އެވެ. ބޮޑެތި މީހުންނަށް ގެވެށި އަނިޔާ ދިން ކަމުގެ 112 މައްސަލައެއް މިއަހަރުގެ މިހައިތަނަށް ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި އިރު އޭގެ ތެރެއިން ނުވަ މައްސަލައެއް ފިޔަވާ ހުރިހާ މައްސަލައެއްގައި ވެސް އަނިޔާ ލިބުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ އަންހެނުންނަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!