ސުޝާންތުގެ ގެ، އޭނާގެ ހަނދާނުގައި ފައުންޑޭޝަން ހޯމް އަކަށް

ބޮލީވުޑްގެ ބަތަލް ސުޝާންތު ސިންގ ރާޖްޕޫތުގެ މަރާއި ގުޅިގެން އޭނާގެ އާއިލާއިން ފައުންޑޭޝަނެއް ލޯންޗްކޮށްފިއެވެ.

ސުޝާންތުގެ އާއިލާ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސުޝާންތު ސިންގް ރާޖްޕޫތު ފައުންޑޭޝަން (އެސްއެސްއާރްއެފް) ގެ ދަށުން ޕަޓްނާގައި ހުންނަ ސުޝާންތުގެ ގެ އޭނާގެ ހަނދާނުގައި ފައުންޑޭޝަން ހޯމް އަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސުޝާންތު ގެންގުޅެފައިވާ ތަކެއްޗާއި އޭނާއާއި ގުޅުން ހުރި ވަރަށް ގިނަ ތަކެތި އެތަނުގައި ބަހައްޓައި ރައްކާކުރާނެ ކަމަށް އާއިލާއިން ބުންޏެވެ.

ރައްކާކުރުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ސުޝާންތު އެންމެ ލޯބިވާ އަދި އެހާމެ އެސްޓްރޮނޮމީ އަށް ފޯރި ހުންނަ އެކްޓަރު ބޭނުންކުރި ޓެލެސްކޯފްވެސް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން އޭނާ ގެންގުޅުނު ފްލައިޓް ސިމިއުލޭޓަރަކާއި އެތައް ހާސް ފޮތަކާއި ފޭނުންގެ ފަރާތުން ލިބުނު އެތައް ހަނދާންތަކެއް ވެސް ހިމެނެ އެވެ.

ސުޝާންތު ސިންގް ރާޖްޕޫތު ފައުންޑޭޝަންގެ ދަށުން ސިނެމާ އާއި ސައިންސާއި ކުޅިވަރުގެ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ހޯދައިދޭން މަސައްކަތްތައް ކުރާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ސުޝާންތު ނެތުމަކީ ފޫ ނުބެއްދޭނެ ފަދަ ހިތާމައެއް މުޅި އާއިލާ އަށް ކުރިމަތި ކުރުވި ކަމެއް ކަމަށާއި އޭނާގެ ހުނުމުގެ އަޑު ދެން ދުވަހަކުވެސް ނީވޭނެކަން ޤަބޫލު ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން ސުޝާންތުގެ ރަސްމީ ފޭސްބުކާއި އިންސްޓަގްރާމާއި ޓްވިޓާ އެކައުންޓް ވެސް އޭނާގެ ހަނދާނުގައި އާއިލާ އިން ބަލައްޓަމުން ގެންދާނެ ކަމަށް އާއިލާގެ ބަޔާނުގައި ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!