ލ އަތޮޅު ކޯވިޑް ފެސިލިޓީއަށް ބޭނުންވާ ސާމާނު ފޮނުވައިފި

ކޯވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ގަން ރީޖަނަލް ހޮސްޕިޓަލްގައި ހަދާ ކޯވިޑް ފެސިލިޓީއަށް ބޭނުންވާ ބައެއް ސާމާނު ހެލްތް މިނިސްޓްރީންއެ ހޮސްޕިޓަލަށް ފޮނުވައިފިއެވެ.

މިތަކެތީގެ ިއތުރަށް ހެލްތް މިނިސްޓްރީން ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ބައެއް ސާމާނުތައްވެސް ފޮނުވާފައެވެ. އޭގެ ތެރޭގައި ޑެންޓަލް ލެބަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ އާއި ކަށީގެ ފަރުވާ އާއި ލޮލުގެ ފަރުވާ އަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ލެޕެރޮސްކޮޕީ ސެޓު އަދި ކުޑަކުދިންނަށް ހާއްސަ ވެންޓިލޭޓަރު ހިމެނެއެވެ. މީގެ ކުރިން ވެސް އެ ހޮސްޕިޓަލަށް ބޭނުންވާ މުހިއްމު ވަސީލަތްތައް ވަނީ ގެންގޮސްފައެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމް ކުރާ ކޯވިޑް ފެސިލިޓީއަކީ، މ.ފ.ދ.ތ.ލ ރީޖަނަލް ކޮވިޑް ފެސިލިޓީއެވެ. މިހާރުވެސް މި ފަސްއަތޮޅުގެ މައި ހޮސްޕިޓަލަކީ ގަންރީޖަނަލް ހޮސްޕިޓަލެވެ.

ޓާޝަރީ ފެންވަރަށް ޚިދުމަތް ބަދަލުކުރަން ބޭނުންވާ ތަކެއްޗާއެކު، ގަމު ހޮސްޕިޓަލުގައި ގާއިމްކުރާ ރީޖަނަލް ކޯވިޑް ފެސިލިޓީއަށް ބޭނުންވާ ގިނަ މެޝިނަރީ އަދި އިކުއިޕްމަންޓް ވެސް ފޮނުވާފައެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރާއި ތަނަށް ބޭނުންވާ އެހެން މެޝިންތައް ހިމެނެއެވެ.

ގަމު ހޮސްޕިޓަލުގައި މިހާރު ވެސް 11 ދާއިރާއެއްގެ ޚާއްސަ ޑޮކްޓަރުން ތިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!