ގަދަ އަވީގައި ކޮރޯނާވައިރަސް ހަލާކުވޭ

ގަދަ އަވީގައި ކޮވިޑް-19 އަށް މެދުވެރިކުރާ ނުރައްކާތެރި ވައިރަސްގެ ބާރު ކަނޑުވާލާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ސައިންޓިފިކް ދިރާސާތައް ޝާއިއުކުރާ މަޝްހޫރު މަޖައްލާއެއް ކަމަށްވާ ފޮޓޯކެމިސްޓްރީ އެންޑް ފޮޓޯބަޔޮލޮޖީ ގައި ޖޫން މަހު ޝާއިއު ކޮށްފައިވާ ދިރާސާ އެއްގައި ބުނެފައިވަނީ، މެންދުރުގެ އަވީގައި ޖެހޭތާ 11 މިނެޓާއި 34 މިނެޓާ ދެމެދުގެ ވަގުތެއްގެ ތެރޭގައި 90 އިންސައްތަ ނުވަތަ އެއަށް ވުރެ މަތީ މިންވަރަކަށް ކޮރޯނާވައިރަސް ހަލާކުވެގެން ދާކަމުގައެވެ.

އެމެރިކާގެ ތަޖުރިބާކާރުންތަކެއް ގުޅިގެން ކުރިޔަށްގެންދިޔަ މި ދިރާސާއިން ހާމަވެފައިވާ ގޮތުން، މެންދުރު އަވިދޭއިރު އެކި ޤައުމުތަކުގައި ނުވަތަ ތަފާތު މާޙައުލުތަކުގައި ކޮވިޑް-19 ގެ ވައިރަސް ނައްތާލުމަށް ހޭދަވާ ވަގުތު އެއްގޮތް ނުވީނަމަވެސް، ދުނިޔޭގެ ގިނަ ޤައުމުތަކުގައި ގިނަވެގެން 34 މިނެޓު ތެރޭ ވައިރަސްގެ ބާރު ކަނޑުވާލާނެއެވެ. މި ދިރާސާއިން އެނގޭ ގޮތުގައި ހޫނުގަދަ ޤައުމުތަކުގައި ވައިރަސްގެ ބާރު، އަތްވަށް ހުށަހެޅުމަށްފަހު ނައްތާލަން ނަގަނީ މަދު ވަގުތުކޮޅެކެވެ.

ތަޖުރިބާކާރުން ބުނެފައިވާ ގޮތުން، އިރުގެ ދޯދިން އެޅޭ ހޫނުގެ ސަބަބުން ކޮވިޑް-19 އަށް މެދުވެރިކުރާ ވައިރަސްގެ ބާރު ކަނޑުވާލުމަށް ނުވަތަ ނައްތާލުމަށް އޮތް ފުރުސަތު 90 އިންސައްތައަށްވުރެ އިތުރެވެ. އެހެންކަމުން އިރުގެ އައްޔަކީ ކޮވިޑް-19 އިން ރައްކާތެރިކޮށްދީ، ބަލި ފެތުރުން ކުޑަކުރުމަށް ލިބިދޭ އެހީއެއްކަން ދިރާސާއިން ވަނީ ހާމަވެގެން ގޮސްފައެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކަށް އަވިދޭ ނިސްބަތަށް ބަލައި، އެކި ސިޓީތަކުގައި އަވިން ކޮރޯނާ ވައިރަސް ހަލާކުވާނެ އަންދާސީ ވަގުތުވެސް މި ދިރާސާގައި ދެނެގަނެފައިވެއެވެ. މިގޮތުން، އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހޫނު މޫސުމުގައި އަވީގެ ސަބަބުން ވައިރަސް ހަލާކުވާނީ 21 މިނެޓުން ކަމަށް ލަފާކޮށްފައިވާއިރު، މެދުތެރޭ އެމެރިކާގެ މެކްސިކޯ ސިޓީގައި ވައިރަސް ހަލާކުވަނީ 11 މިނެޓުންނެވެ. އަނެއްކޮޅުން، ޔޫރަޕަށް ބަލާއިރު، ޕެރިހުގައި 28 މިނެޓް، ލަންޑަނުގައި 30 މިނެޓްގެ ތެރޭގައި ވައިރަސް ހަލާކުވާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. މެދު އިރުމައްޗަށް ބަލާއިރު، އިރާގުގެ ބަޣްދާދުގައި 18 މިނެޓް، އިސްތަންބޫލްގައި 22 މިނެޓްގެ ތެރޭގައި ވައިރަސް ހަލާކުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން، އޭޝިއާ ސަރަހައްދަށް ބަލާއިރު، އިންޑިއާގެ މުމްބާއީގައި 11 މިނެޓް، ޓޯކިޔޯގައި 20 މިނެޓް އަދި ޗައިނާގެ ޝަންހާއީގައި 16 މިނެޓްގެ ތެރޭގައި އަވިން ވައިރަސް ހަލާކުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!