IruOnline

މި ތަރިންގެ ކުރީގެ ފޮޓޯތަކަކަށް ފާޑުކިޔައި، ކަރަން އަށް ވަރުގަދަ ރައްދެއް ކަންގަނާ ދީފި

ބޮލީވުޑުގައި ނާއިންސާފުން ހިނގާ ކޮންމެ ކަމަކާ ދެކޮޅަށް އަޑުއުފުލަން އެންމެ ކުރީ ސަފުގައި އަބަދުވެސް ހުންނަނީ ބަތަލާ ކަންގަނާ ރަނައުތެވެ. މިފަހަރު އަނެއްކާވެސް ކަންގަނާ މިވަނީ ނެޕޮޓިޒަމްއާ ދެކޮޅަށް ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރަށް ވަރުގަދަ ރައްދެއް ދީފައެވެ.

އެގޮތުން، ނުފޫޒުގަދަ ފިލްމީ އާއިލާތަކުން އައިސްފައި ތިބި ތަރިންތަކެއްގެ ކުރީގެ ފޮޓޯތަކެއް މީހަކު ޓްވިޓާގައި ހިއްސާކުރުމުން، ކަންގަނާ ވަނީ އެ ޕޯސްޓު ޝެއާކޮށް، ކަރަންއަށް ބަހުގެ ހަމަލާއެއް ދީފައެވެ. އާނިމާ ސޯންކަރް ނަމަކަށް ކިޔާ އެކައުންޓަކުން ޓްވިޓާގައި ހިއްސާކުރި ފޮޓޯތަކުން ފެންނަނީ ބަތަލާއިން ކަމަށްވާ ސާރާ އަލީ ޚާން، ސޯނަމް ކަޕޫރު، ސޮނާކްޝީ ސިންހާ އަދި އާލިއާ ބަޓް މަޝްހޫރު ވުމުގެ ކުރިން، ފަލަކޮށް ހުރި މަންޒަރެވެ.

މި ފޮޓޯ ޝެއާ ކުރަމުން ކަންގަނާ ބުނީ، ބައެއް މީހުން މިއީ “ބޮޑީ ޝޭމިންގ” (ހަށިގަނޑަށް ފާޑުކިޔުން) ކަމުގައި ދެކުނަސް، މިއީ އަސްލު ކަރަން ޖޯހަރު ފަދަ މޫވީ މާފިއާ އިންނަށް ޙަޤީޤަތް ހާމަކުރުން ކަމަށެވެ. ސަބަބަކީ، އާދައިގެ ބެކްގްރައުންޑުން ފިލްމީ ދާއިރާއަށް ނުކުންނަ ތަރިންނަކީ، ފިލްމީ އާއިލާތަކުން ނުކުންނަ ތަރިންހާ ރީތި މީހުންނަށް ނުވުމަކީ ކަރަންގެ ކުށެއް ނޫން ކަމުގައި ކަރަން ބުނެފައިވާތީ ކަމަށް ކަންގަނާ ލިޔެފައިވެއެވެ. ނަމަވެސް އެބުނާ ފިލްމީ އާއިލާތަކުގެ ތަރިންނަކީ ވެސް ކުރީގައި މާ ރީތިކޮށް ތިބި ބައެއް ނޫންކަން މީހުންނަށް ފެންނަން ޖެހޭކަމަށް ކަންގަނާ ބުނެފައިވެއެވެ.

ބޮލީވުޑުގައި ނެޕޮޓިޒަމް ޕްރޮމޯޓު ކުރާ ކަމުގެ ތުހުމަތު އެންމެ ބޮޑަށް އޮތީ ކަރަން ޖޯހަރުގެ ބޮލުގައެވެ. އެއީ، ކަރަންގެ ފިލްމުތަކުން ހަމައެކަނި ނުފޫޒުގަދަ ފަންނާނުންގެ ދަރިންނަށް ފުރުސަތު ދޭތީ ކަމަށްވެއެވެ. އެއާއެކު، އާދައިގެ ބެކްގްރައުންޑަކުން ފިލްމީ ދާއިރާއަށް ނުކުތް ކަންގަނާ އަންނަނީ ވަރަށް ކުރީއްސުރެ އެކަން ފާހަގަކޮށް، ކެނޑިނޭޅި ކަރަންއަށް ފާޑުކިޔަމުންނެވެ. ހަމައެހެންމެ، ކަރަންގެ ޝޯ “ކޮފީ ވިތު ކަރަން” ގައި ބައިވެރިވެފައި، ކަންގަނާ ވަނީ އެއްވެސް ޖެހިލުމެއް ނެތި ކަރަންގެ ކުރިމަތީގައި ވެސް އޭނާއަށް ފާޑުކިޔައިފައެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!