މާސްކު އެޅުމާ ގުޅޭގޮތުން އާންމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައި ތިން މީހުން މަރުވެއްޖެ

ކެންޔާގެ ކުޑަކުޑަ އަވަށެއްގައި ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ތިން މީހުން މަރުވެއްޖެއެވެ.

“ޑެއިލީ މެއިލުން” ރިޕޯޓުކުރާ ގޮތުގައި، އެ ހާދިސާ ހިނގާފައިވަނީ، އާއްމުން އެއްވެ އުޅޭ ތަންތާނގައި މާސްކު އަޅައިގެން އުޅުމަށް ކަނޑައަޅާފައިވާ ޤަވާއިދާ ދެކޮޅުވި މީހެއް ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުންނެވެ. އެގޮތުން މަންޒަރު ދުށް މީހެއް ކަމަށްވާ ކެނެތު ކައުންޑާ އެ ނޫހަށް ކިޔައިދީފައިވާ ގޮތުގައި، އެ އަވަށުގައި (ލެސޮސްގައި) ސައިކަލު ޓެކްސީ ކުރާ މީހަކު މާސްކު ނާޅައި ހުރުމުން، ފުލުހުން އޭނާ ހުއްޓުވައި ހައްޔަރު ކުރަން އުޅުމުން، އެއްވެ ތިބި އާއްމުން އެކަމާ ދެކޮޅަށް އަޑުއުފުލީއެވެ. އަދި އެ ޓެކްސީ ޑްރައިވަރު ހައްޔަރު ކުރުމަށް ފުލުހުންނަށް ހުރަސް އެޅުމުން، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ބަޑި ޖަހާފައި ކަމަށް ކެނެތު ބުންޏެވެ. އެއާއެކު ލަޒަރުސް ޓިރޮޕް ކިޔާ 40 އަހަރުގެ، ފައިވާން ހަދާ މީހަކު ވަނީ ބަޑީގެ ހަމަލާގައި މަރުވެފައެވެ.

ލަޒަރުސްގެ މަރާ ގުޅިގެން، އާއްމުންގެ ރުޅިގަނޑު ފަޅައިގެން ގޮސް، ފުލުހުންގެ ޗީފް ދިރިއުޅޭ ގޭގައި ވަނީ އަލިފާން ރޯކޮށްލާފައެވެ. އަދި ފުލުސް އޮފީހަށް ގާ އުކާފައިވާ ކަމަށް ވެސް “ޑެއިލީ މެއިލް” ގައި ބުނެއެވެ. އެއާއެކު، އެ ކަންތައްގަނޑުގައި ފުލުހުން ވަނީ އަނެއްކާވެސް ބަޑީގެ ބޭނުންކޮށް އިތުރު ދެމީހަކު މަރާލައިފައެވެ.

މި މައްސަލައިގައި، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުން މިހާރު އަންނަނީ އަޑުއުފުލަމުންނެވެ. ކެންޔާގެ ފުލުހުންނަކީ ލިބޭ ކޮންމެ ފުރުސަތެއްގައި ބާރުގެ ބޭނުންކޮށް، ރައްޔިތުންނާ ދޭތެރޭ އަނިޔާވެރިކޮށް ކަންތައް ކުރާ ބައެއް ކަމަށް އެމީހުން ފާހަގަކުރެއެވެ. އަދި، ކެންޔާގައި ކުށްވެރިންނަށްވުރެ ގިނައިން ފުލުހުންގެ އަތުން މީހުން މަރުވާކަމަށް ވެސް ހިއުމަން ރައިޓްސް އެކްޓިވިސްޓުން ހާމަކުރެއެވެ.

މިކަމާ ގުޅިގެން، ޕޮލިސް އިންސްޕެކްޓާ-ޖެނެރަލް، ހިލަރީ މުޓްޔަމްބައީ މީޑިއާތަކާ ވާހަކަ ދައްކަމުން ބުނީ، ފައިވާން ހަދާ މީހާ ގަޔަށް ބަޑިޖަހައި މަރައިލި ފުލުސް އޮފިސަރު މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑުންކޮށް، ހައްޔަރުކޮށްފައި ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ކެންޔާގެ ފުލުހުންގެ މުއައްސަސާ، އެ ޤައުމުގެ އެންމެ ކޮރަޕްޝަން ބޮޑު ތަނުގެ ގޮތުގައި އޮންނަތާ 20 އަހަރު ވެފައިވާ ކަމެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން، ގިނަ ޤައުމުތަކެކޭ އެއްގޮތަށް ކެންޔާގައި ވެސް ވަނީ އާ ޤަވައިދުތަކެއް ހަދާފައެވެ. އޭގެތެރެއިން، ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. އަދި މާސްކު ނާޅައި އުޅޭ މީހެއްނަމަ 200 ޑޮލަރުން ޖޫރިމަނާ ކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!