ޑުރަގުގެ މީހުންނަށް ދޭ މެތަޑޯން މެއިންޓެނަންސް ތެރަޕީ ރާއްޖޭގަައި އަނެއްކާވެސް ފަށަނީ

މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީ އަންނަ ސެޕްޓޭމްބަރުމަހު ރާއްޖޭގައި ބޭނުންކުރަން ފަށަން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއް މެދުވެރި ކޮށެވެ. މި މެސެޖްގައި މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީ އަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކަން ފާހަގަކުރައްވާފައެވެ.

މީގެ ކުރިން ރާއްޖޭގައިވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔަކަމަށާއި ނަމަވެސް ތަފާތު ސަބަބުތަކާހެދި އެ ޕްރޮގްރާމް މީގެ 3 އަހަރު ދުވަސް ކުރިން ހުއްޓާލާފައިވީނަމަވެސް އިންޑިޔާ ސަރުކާރުގެ އެހީގައި އަނެއްކާވެސް ޕޮރްގްރާމް ފަށަން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

އެގޮތުން އިންޑިޔާގެ އޯލް އިންޑިޔާ މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފަންނީ އެހީތެރިކަމާއެކު މެތަޑޯން މެއިންޓެނަންސް ތެރަޕީ ފެށުމުގެ މަޝްވަރާ ތަކެއް ކުރެވި، މިފަރުވާއަށް ބޭނުންވާ ބޭސް ރާއްޖޭން ބޭރުން ގެނެސް، ސެޕްޓެމްބަރު މަހު ފަރުވާގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަކީ ހަމައެކަނި އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެއް ކަމުގައި ދުށުމުގެ ބަދަލުގައި އާންމު ފަރުދުންނާއި މުޅި މުޖްތަމައުގެ ބައިވެރިވުން އެކަމަށް ބޭނުންވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!