ކޮވިޑާ ގުޅިގެން ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ އެއްކޮށް ހުއްޓުނު: ސާވޭ

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ކޮންމެ 10 މީހަކުން އެކަކުގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދިވެހި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ކުރިއަށްގެންދިޔަ ސާވޭއަކުން ދައްކައިފިއެވެ.

ކޮވިޑް19ގެ އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަމަށް ކުރި އަސަރު ދެނެގަތުމަށް އެޗްޕީއޭއާއި ޔުނިވާސިޓީ ގުޅިގެން ހުސްވި މޭ މަހު ވަނީ އޮންލައިން ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ.

އެ ސާވޭގެ ފުރަތަމަ ބުރުގައި 2،871 ބައިވެރިޔަކު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އެ ސާވޭގެ ހޯދުންތައް އެޗްޕީއޭގެ ފަރާތުން މިހާރު އަންނަނީ އާންމުކުރަމުންނެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ކޮވިޑާ ގުޅިގެން ސާވޭގައި ބައިވެރިވި މީހުންގެ 29 ޕަސެންޓް މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އެއީ ކޮންމެ 10 މީހަކުން އެކަކެވެ. އަދި 10 މީހުންގެ ތެރެއިން އެކަކުގެ ވަޒީފާ އަންނަ މަހު ގެއްލިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ސާވޭގެ ބައިވެރިން ބުނެފައިވެއެވެ.

އޭގެ އިތުރުން ކޮންމެ 10 މީހަކުން ތިން މީހެއްގެ މުސާރަ ކުޑަކޮށްފައިވާއިރު، 10 މީހަކުން ފަސް މީހެއްގެ ވަޒީފާއަށް އަސަރު ނުކުރާ ކަމަށް ވެސް ދިރާސާއިން ދައްކައެވެ.

ކޮވިޑް19 ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނު އިރު، ދިރާސާގެ ބައިވެރިންގެ ތެރެއިން 71 ޕަސެންޓް މީހުން އާމްދަނީ ހޯދަމުން ދިިޔައީ އަދާކުރަމުން ދިިޔަ ވަޒީފާއިންނެވެ. ހަ ޕަސެންޓް މީހުން އާމްދަނީ ހޯދަމުން ދިޔައީ ތަންތަން ކުއްޔަށް ދީގެންނާއި ޕެންޝަން ފައިސާއިންނެވެ. ބައިވެރިންގެ ތެރެއިން 16 ޕަސެންޓް މީހުން ވިޔަފާރިިތަކުން އާމްދަނީ ހޯދަމުން ދިޔަ އިރު، ހަތް ޕަސެންޓް މީހުންނަށް އާމްދަނީއެއް ނުލިބެއެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ކޮވިޑާ ގުޅިގެން 65 ޕަސެންޓް މީހުންގެ ފައިނޭންސަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ބުނެފައިވާއިރު 23 ޕަސެންޓް މީހުންނަށް ކުޑަކޮށް، އަދި 12 ޕަސެންޓްގެ މީހުންގެ ހާލަތު އަދި ބަޔާންކުރަން އަވަސް ކަމަށް ބުނެފައިވެއެވެ.

ކޮވިޑާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރި އެއް ބަޔަކީ ވިޔަފާރިތަކެވެ. އެގޮތުން ސާވޭއަށް މައުލޫމާތު ދިން ކޮންމެ 10 ވިޔަފާރިއަކުން ފަސް ވިޔަފާރިއަކަށް އަސަރުކޮށްފައިވާއިރު، ކޮންމެ 10 ވިޔަފާރިއަކުން ހަތަރު ވިޔަފާރިއަކަށް އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށް ބުނެފައިވެއެވެ.

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރުމާ ގުޅިގެން 44 ޕަސެންޓް މީހުން ވަޒީފާއަށް ގޮސްފައެއް ނުވެއެވެ. ގޭގައި ތިބެގެން 37 ޕަސެންޓް މީހުން މަސައްކަތް ކުރިއިރު، އަށް ޕަސެންޓް މީހުން ވަނީ ހަފްތާއަކު ދެތިން ފަހަރު ވަޒީފާއަށް ނުކުމެފައެވެ. ފުރަބަންދުގައި ވެސް ގަވާއިދުން މަސައްކަތަށް ނުކުމެފައި ވަނީ 11 ޕަސެންޓު މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!