ވާހަކަ- ޝަރުމީލާ

ނޯޓު: މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގެ އެއްވެސް ހާދިސާއެއް، ހަޤީޤީ ދިރިއުޅުމުގެ ހާދިސާއަކާ ގުޅޭނަމަ އެއީ އިއްތިފާގެކެވެ.

އެއީ އަހަރެން ގްރޭޑު އަށެއްގައި އުޅުނު އަހަރެވެ. ޕްރައިމަރީ ގްރޭޑުތައް ނިމުމުން، ކްލާސްތައް ބަހާފައި ވަނީ އެކުއްޖަކު ޙިޔާރުކުރި ސްޓްރީމް އަކާ ގުޅޭގޮތަށެވެ. އަހަރެން ނެގީ ކޮމާސް ސްޓްރީމެވެ. ސައިންސަކީ އަހަރެން އެއްގޮތަކަށްވެސް ގަޔާވާ މާއްދާއެއް ނޫނެވެ. ކޮންމެއަކަސް، އެ އަހަރު މުޅިން އައު ކުދިންތަކެއް އަހަރެމެންގެ ސްކޫލަށް ވަނެވެ. އޭގެތެރެއިން ދެތިން ކުއްޖަކު އަހަރެންގެ ކްލާހަށް ވެސް އައެވެ.

އޭގެތެރެއިންވެސް އަހަރެންގެ ސަމާލުކަން ހުއްޓުނީ ފަޒުލް ކިޔާ ފިރިހެން ކުއްޖަކަށެވެ. އެއްގޮތަކަށްވެސް އޭނާދެކެ ގަޔާވެގެންނެއް ނޫނެވެ. އެއީ ދުވަހަކުވެސް އަޑުއެހި ނަމަކަށް ނުވެފައި، އޭނާ އަބަދު އަހަންނާ ދިމާއަށް ބަލަން އިންނަ ގޮތަކުންނެވެ. ފަހަތަށް އެނބުރި ބަލައިލާ ކޮންމެ ފަހަރަކު ފަޒުލް އިންނަނީ އަހަންނާ ދިމާއަށް ބަލަހައްޓައިގެނެވެ. އެކަމާ ހެދި އަހަންނަށް ވަރަށް އުނދަގޫވިއެވެ. ނަމަވެސް އަހަންނަކީ ބަސްމަދު މީހަކަށް ވެފައި، މާ ގިނަ އެކުވެރިންވެސް ނުތިބޭތީ އެކަން މައްސަލައަކަށް ހަދާނެ ހިތްވަރެއް ނުލިބުނެވެ.

ދެން ފެށުނީ އެހެން ކަމެކެވެ. ފަޒުލް އަހަންނާ ވާހަކަދައްކަން މަސައްކަތް ކުރަން ފެށީއެވެ. ހުސް ވަގުތެއް ލިބޭއިރަށް އައިސް އަހަރެންގެ މޭޒު ކައިރީގައި ހުރެގެން އެކިއެކި ވާހަކަ ދައްކައެވެ. އަހަރެން އެއްވެސް ސަމާލުކަމެއް ނުދިނަސް ފަޒުލް އަމިއްލައަށް ހުރެގެން ވާހަކަ ދައްކައެވެ. އަދި ކްލާހުގައި އުޅޭ އެހެން ފިރިހެންކުދިންނާ ގުޅިގެން އަހަންނަށް ޖެއްސުންކުރަން ފެށިއެވެ. މި ހުރިހާ ކަމެއް ކުރަނީ މުދައްރިސުން ނޫޅޭ ވަގުތު ބަލާފާއެވެ.

އެއްދުވަހަކު އަހަރެން މުދައްރިސުގެ ހުއްދަ ހޯދައިގެން ކްލާހުން ބޭރަށް ދިޔައީ ފެންފުޅިއަށް ފެން އަޅާށެވެ. ކްލާހުން ނުކުމެ ވަކި ހިސާބަކަށް ދިޔަތަނާ ފަހަތުން މީހަކު އަންނަހެން ހީވިއެވެ. އަހަންނަށް ފަހަތް ބަލައިނުލެވިގެން އުޅެނިކޮށް އެމީހަކު ގޮވާލައިފިއެވެ.

“ޝަރޫ!” އެއީ ފަޒުލްގެ އަޑުކަން ވަގުތުން އެނގިއްޖެއެވެ. ވުމާއެކު ފަހަތަށް ބަލާކަށް ބޭނުމެއް ވެސް ނުވިއެވެ. ހުރިގޮތަށް ހިނގާފައި ގޮސް ފެންފުރާ ކޫލަރު ކައިރިއަށް ދިޔައީމެވެ. އޭރުވެސް ފަޒުލް އާދެއެވެ.

“ޝަރޫ މަޑުކޮށްބަލަ! ހާދަ ބިރުން ތި ހުންނަނީ؟” އަހަންނާ ދާދި ކައިރީގައި މަޑުކޮށްލަމުން ފަޒުލް އަހައިލިއެވެ.

“މަށަށް ކިޔަނީ ޝަރުމީލާ!” ވަނަމުން ގޮވުމުން އަހަރެން ވީ އިތުރަށް ފޫއްސެވެ. އެހެންކަމުން ފުރަތަމަ ފަހަރަށް ފަޒުލް އާ ވާހަކަ ދެއްކީ އެ ނުރުހުން ފާޅުކުރަމުންނެވެ.

“ތިއީ މަގޭ ޝަރޫ ހަމަ! އަޅެ މަށާ ވާހަކައެއް ނުދައްކާނަންތަ؟ ވަރަށް ލައިކްވޭ..” ފަޒުލްގެ އަޑު މަޑުވެގެން ދިޔައީ އެހެން ލާފައި ޓީޗަރަކު ދިޔުމުންނެވެ. އަހަރެން ފަޒުލްއާ ދިމާއަށް ކަޅިއަޅާލައިފައި ފެންފުޅި ހިފައިގެން ކްލާހާ ދިމާއަށް ހިނގައިގަތީމެވެ.

“ތިހިރަ ރީތި ކަޅިރަވައެއް! ތިފަދަ ޖާދޫވީ ކަޅިރަވައެއް ދެވަނަ މީހަކަށް ލިބިފައި ނުވާނެކަން ޔަގީން!” ފަޒުލް ވަކި ހިސާބެއްގައި މަޑުކުރަމުން އެހެން ބުނެލިއެވެ. އަޅާވެސް ނުލައި އަހަރެން ގޮސް ކްލާހަށް ވަނީމެވެ. ފަޒުލް އައީ އޭގެ އިރުކޮޅެއް ފަހުންނެވެ.

ފަޒުލްގެ ފަރާތުން ވަމުންދިޔަ އުނދަގޫތައް ބޮޑުވެގެން، އަހަރެން ބޭނުންވީ އެހެން ކްލާހަކަށް ބަދަލުވާށެވެ. ނަމަވެސް ކޮމާސް ސްޓްރީމްގެ ދެ ކްލާސް ހުންނައިރު، އެ ދެ ކްލާސް ވެސް ވަނީ ފުރި ބާރުވެފައެވެ. ޖެހިގެން އިން ކްލާހުން އަހަންނަށް ޖާގައެއް ނުލިބޭނެކަން އެނގެއެވެ. ދެން ވީ ވަރަށް މަޖާ ގޮތެކެވެ. ކޮމާސް ކުދިންނާއި ސައިންސް ކުދިންގެ ދެމެދު ހިނގި ބޮޑު ހަމަނުޖެހުމަކާ ގުޅިގެން، ސްކޫލުން ނިންމީ ދެ ސްޓްރީމުގެ ދަރިވަރުން ތަފާތު ގަޑިއަކަށް ސްކޫލަށް ދާ ގޮތަށެވެ. އެއީ ސްކޫލު ތެރޭގައި ހަނގާކުރުމާއި، މިފަދަ ކަންތައްތައް އިތުރުވުމުންނެވެ. އެ އަހަރު ނިމެންދެން އޮންނާނީ އެގޮތަށް ކަމަށް ސްކޫލުން ނިންމުމުން، އަހަންނަށް މޮޅު ޚިޔާލެއް އައެވެ.

ކްލާހުގެ އެއްވެސް ކުއްޖަކަށް ނާނގައި، ސްކޫލުގެ އިސްވެރިންނާ މަންމަ ލައްވައި ވާހަކަ ދައްކުވައިގެން އަހަރެން ބަދަލުވީ ސައިންސް ކްލާހަށެވެ. މަންމަ ކައިރީގައި އަހަރެން ބުނީ ކުއްލިއަކަށް ސައިންސް ކިޔަވާ ހިތްވީ ކަމަށެވެ. އަދި ކުރިއަށް ދާނީ އެ ރޮނގުން ކަމަށް ބުނުމުން މަންމަ ވަގުތުން އެއްބަސްވިއެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ކުޑައިރުން ފެށިގެން އަހަރެންގެ މައިންބަފައިންގެ ހުވަފެނަކީ އަހަރެން ޑޮކްޓަރަކަށްވުމެވެ.

ކްލާސް ބަދަލު ކުރުމުން އަހަންނަށް ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ. ނަމަވެސް ފިރިހެން ކުއްޖެއްގެ ސަބަބުން އެއޮއް ފޫހިވާ ސައިންސް ކިޔަވަން އަހަރެން ނިންމުމުން، ފަޒުލްގެ ފަރާތުން އަހަންނަށް ކުރިމަތިވި އުނދަގޫތައް ސިފަކޮށްލެވޭނެއެވެ. ކޮންމެއަކަސް، އެ މާއްދާއަށް އަހަރެންގެ ހިތް މަޑުމަޑުން ލެނބެމުންދިޔައެވެ.

އަހަރެންގެ ސްކޫލު ދައުރު ނިމުނުއިރު، ފަޒުލް ވަނީ އޭގެކުރިން ރާއްޖެއިން ބޭރަށް ކިޔެވުން ބަދަލުކޮށްފައެވެ. ތުންތުންމަތިން އެވާހަކަ އިވުނަސް، އަހަރެން ހުރީ އެކަން ޤަބޫލުކޮށްގެން، ވަރަށް އުފަލުންނެވެ. ދެން މީން ދުވަހަކުވެސް އެ މޫނު ނުފެންނާނެ ކަމަށް އަހަރެން ނިންމީމެވެ. އޭލެވެލް ނިންމާފައި އަހަރެން ވެސް ބޭރަށް ދިޔައީ ޑޮކްޓަރުކަން ކިޔަވާށެވެ.

އަހަރުތައް ފާއިތުވަމުން ދިޔައެވެ. ފޭސްބުކާއި އިންސްޓަގްރާމު މަޤުބޫލުވެ، އަހަރެން ވެސް މީސްމީޑިއާއަށް ވަންނަން ފެށީމެވެ. އޭރު އަހަރެން ހުރީ ކިޔެވުން ނިންމާފައި އައިސް މާލޭގައެވެ. ވަޒީފާއަށް ލައިފައި ވުމުން، އަހަރެން ހުރީ ޖަވާބެއް އިންތިޒާރުގައެވެ.

އެއްދުވަހަކު އަހަރެން ފޭސްބުކަށް ވަންތަނާ ފެނުނީ ފްރެންޑް ރިކުއެސްޓެއް އައިސްފައި އިންތަނެވެ. ބަލައިލި އިރު ވަރަށް ދަންނަ ނަމެކެވެ. އިބްރާހިމް ފަޒުލް ޖަހާފައި އިންތަން ފެނުމުން އަހަރެން ސިކުނޑިއަށް ވެރިވީ ކުރީގެ ހަނދާންތަކެވެ. އެހެންކަމުން، ފަޒުލް މިހާރު ހުރިގޮތް ބަލައިލަން އަހަރެން ބޭނުންވިއެވެ. ނަމަވެސް އޭނާގެ ޕްރޮފައިލް ބަލައިލި އިރު، ފެނުނީ ވަރަށް ތަފާތުކޮށެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ އެ ކަސްރަތީ ހަށިގަނޑަށެވެ. ކުރިން ކަމީނާކޮށް ހުރި ކުޑަކުޑަ ފަޒުލްއަށް އައިސްފައިވާ ބަދަލު ފެނިފައި އަހަރެން އަޖައިބުވިއެވެ. ނަމަވެސް އެ ރިކުއެސްޓު އެކްސެޕްޓު ކުރާކަށް ބޭނުމެއް ނުވިއެވެ. އަހަންނަކީ މިހާރު މީހަކާ އިންނަން ތައްޔާރު ވަމުންދާ މީހަކަށް ވާތީއެވެ.

ނަމަވެސް، އިންސްޓްގްރާމުންނާއި ފޭސްބުކުން ފަޒުލް މެސެޖު ކުރަމުންދިޔައެވެ. “ޝަރޫ” އޭ ކިޔައި ގޮވާފައި ހުރި މެސެޖުތަކުން އަހަރެން ރުޅިގަދަ ވާވަރުވިއެވެ. ހަނދާނަށް އަންނަނީ ސްކޫލު ދުވަސްވަރު އެ ނަމުން ގޮވައި އަހަންނަށް ކުރި ޖެއްސުމެވެ. އެހެންކަމުން އެ މެސެޖުތައް އަހަރެން ބެހެއްޓީ ހުރިގޮތަށެވެ. އަދި ކުރިން ޕަބްލިކް ގައި އިން އަހަރެންގެ އިންސްޓްގުރާމު ޕްރޮފައިލްވެސް ޕްރައިވޭޓަށް ބަދަލުކުރީމެވެ.

ދުވަސްކޮޅެއް ފަހުން އަހަރެންގެ ހުރިހާ އެކުވެރިންގެ ސްޓޯރީތަކުން ފެންނަން ފެށީ ފަޒުލްގ ފޮޓޯއެވެ. ހައިރާންވެގެން އެކަން އޮޅުންފިލުވާ ހިތުން އޭގެން ސްޓޯރީއެއް ރަނގަޅަށް ބަލައިލީމެވެ. ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އަގުބޮޑު ހަދިޔާތަކެއް ނަސީބުވެރި ފަރާތަކަށް ދޭގޮތަށް ފަޒުލް ވަނީ ގިވްއަވޭއެއް ފަށައިފައެވެ. އޭގައި ބައިވެރިވުމަށް، އެ ޕޯސްޓުގައި ތިން އެކުވެރިން ޓެގު ކޮށްފައި، އޭނާއަށް ފޮލޯކުރަން ޖެހެއެވެ. އަދި އެ ފޮޓޯ ސްޓޯރީއަށް ލާންވެސް ޖެހެއެވެ.

ނޫން ކަމަށް ހެދުނަސް، އެ ހަދިޔާތަކަށް އެދި އަހަރެންގެ ހިތް ވެސް ގޮވަމުންދިޔައެވެ. އެތަކެތި އަމިއްލައަށް ގަނެވެން ހުއްޓަސް، މީހެއްގެ ފަރާތުން ހިލޭ ލިބެން އޮތްނަމަ، ކޮންމެ މީހަކުވެސް އިޙުތިޔާރު ކުރާނީ އެގޮތެވެ. އަހަންނަށް ވެސް ވީ އެކަހަލަ ގޮތެކެވެ. މެކްބުކާއި، އައިފޯނާއި، ވިކްޓޯރިއާ ސީކްރެޓުގެ ޖާދޫގައި ޖެހިގެން ނަފްސު ކޮންޓްރޯލުން ނެއްޓީއެވެ. ހަމަހޭވެރިކަން ވީއިރު، އަހަންނަށް ވެސް އެ ގިވްއަވޭގައި ބައިވެރި ވެވިއްޖެއެވެ. ނަމަވެސް އެއްވެސް އެކުވެރިއަކަށް ނާންގަންވެގެން، އަހަރެން ޓެގްކުރީ ނުވެސް ދަންނަ ތިން މިހުނެވެ.

ނަތީޖާ ފާޅުކުރި ދުވަހު އަހަރެން އިނީ ފަޒުލްގެ ޕްރޮފައިލަށް ބަލަހައްޓައިގެނެވެ. އެ ނަތީޖާ ފެނުންތަނާ ކަރަންޓުގައި ޖެހުނު ފަދައިން އަހަރެން ކޮޅަށް ޖެހުނެވެ. އޭގައި އޮތީ ދެވަނަ ދެމީހެއް ނޫނެވެ. އަހަރެންގެ ނަމެވެ. ޓެގު ކޮށްފައިވަނީ އަހަރެންގެ ޕްރޮފައިލެވެ. އިރުކޮޅެއްނުވެ ބައިވަރު ފޮލޯ ރިކުއެސްޓު ތަކުން އަހަރެންގެ އިންސްޓަގްރާމު ފުރުނެވެ. ދެން އައީ ފަޒުލްގެ މެސެޖެކެވެ.

“ޝަރޫ. ގިވްއަވޭގަ ބައިވެރިވީމަ ވަރަށް އުފާވެއްޖެ. ޝަރޫ ބައިވެރިވި ހިސާބުން އިތުރު މީހަކަށް މި ހަދިޔާތައް ދޭކަށް ބޭނުމެއްނުވި. ކަމް އެންޑް މީޓް މީ. މިހުރިހާ އެއްޗެއް ހަވާލުކޮށްދޭނަން. އައި އޭމް ވެއިޓިންގ ފޯ ޔޫ!” ބައިވަރު ހިތްތަކާއެކު ނިންމާލާފައިވާ އެ މެސެޖު ފެނިފައި އަހަރެންގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ޤުރުއަތުން ހޮވުމުގެ ބަދަލުގައި ފަޒުލް އެއޮތީ ބޮޑު މަކަރަކުން އެކަން ނިންމާލާފައިތާއެވެ. ސީދާ އަހަރެންގެ ރުހުން ހޯދަން ކުރި ކަމެއްކަން އެނގުނަސް، އަހަރެން އުފަލެއް ނުވިއެވެ. ކުށްވެރިއެއްގެ އިޙުސާސް ކުރެވެން ފެށީ، މުޅި މީސްމީޑިއާގައި އަހަރެން ހޯދަން އަތްފުނާ އަޅަން ބަޔަކު ނުކުތުމުންނެވެ. އެހެނީ އެއީ ނާއިންސާފުން ކޮށްފައި އޮތް ކަމެއްކަން އެމީހުންނަށްވެސް ޝައްކުވީއެވެ. ވަގުތުން އަހަރެން ފޮޓޯ ބަދަލުކޮށް، މީސް މީޑިއާއަށް ފިލޭތޯ ބެލީމެވެ. ނަސީބަކުން އަހަރެންގެ ތިބެނީ ހައެއްކަ އެކުވެރިންނެވެ. ވަގުތުން އެ އެންމެންނަށް މެސެޖުކޮށްފައި، އަހަންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ނުދިނުމަށް ހުވާ ކުރުވީމެވެ. އަދަދުން މަދަސް، އަހަރެންގެ ރައްޓެހިންނަކީ ޖަވާހިރުންނެވެ. އަހަރެމެން އެކަކު އަނެކަކަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްދެމެވެ.

ނަސީބަކުން އަހަރެން އިންނަން އުޅޭ މީހަކީ، މީސްމީޑިއާއާ ބީރައްޓެހި މީހެކެވެ. ނަތީޖާއެއްގެ ގޮތުން، ކަމެއް ވެގެން އުޅޭކަން ޝާފީ އަކަށް ރޭކާވެސް ނުލައެވެ.

ޝަރުމީލާއަކީ ކާކުހޭ، ވީތަނަކުން ނެރޭށޭ ކިޔާފައި ފޭސްބުކުންނާއި ޓްވިޓާއިން ޕޯސްޓުތައް ފެންނަން ފެށުމުން އަހަރެން ބިރުގަތެވެ. އަދި ވަގުތުން ފަޒުލް ބްލޮކްވެސް ކޮށްލީމެވެ. އެހިސާބުން އަހަރެންގެ ހަބަރެއް ހޯދާނެ މަގު ފަޒުލްއަށް ގެއްލުނީއެވެ. އޭރު މީސްމީޑިއާގައި ފަޒުލްއަށް ޕްރެޝާކޮށް، ހީވަނީ އޭނާ ކައި ހުސްކޮށްފާނެހެނެވެ.

އެރޭ ޝަރުމީލާއޭ ކިޔާފައި ފަޒުލް ހިއްސާކުރި ފޮޓޯއަކީ ގައިމުވެސް އަހަންނެއް ނޫނެވެ. ފަޒުލް ބުނާހެން، އަހަރެންގެ ކަޅިރަވަ އެއަށްވުރެ ރީތިވާނެއެވެ. ދެން އެއީ ކާކުކަން، އަންހެނެއް ކަން ނުވަތަ ފިރިހެނެއްކަން ވެސް އެނގޭނީ ފަޒުލް އަށެވެ.

މިއީ އަހަރެންގެ ވާހަކައެވެ. ޝަރުމީލާގެ ވާހަކައެވެ. މި ވާހަކަ ކިޔާފައި، ދެން އަހަރެންގެ ނަން ލައިގެން ޕޯސްޓުތައް ހެދުން ހުއްޓައިލާނެ ކަމަށް ހީކުރަމެވެ. ކުށްވެރިއަކީ އަހަންނެއް ނޫނެވެ. ފަޒުލްއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!