ބޮލީވުޑުގައި ނެޕޮޓިޒަމް އޮންނަކަން ގަބޫލުކުރަން: ޖާންވީ ކަޕޫރު

ބޮލީވުޑާ ގުޅުވައިގެން ދެކެވޭ “ނެޕޮޓިޒަމް” ގެ އަޑު ގަދަވެފައިވާ ދުވަސްވަރެއްގައި، މި މައުޟޫއާ ގުޅިގެން އެކި ތަރިން މީގެ ކުރިން ދީފައިވާ އިންޓަވިއުތައް ދަނީ ފެންމަތިވަމުންނެވެ. އޭގެތެރެއިން މިފަހަރު މި ބަލައިލަނީ، ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ކަޕޫރު ދީފައިވާ އިންޓަވިއުއަކަށެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ޖާންވީ ދިން އިންޓަވިއުއެއްގައި ބުނީ، ބޮލީވުޑުގައި މަތީ ދަރަޖައަކަށް ނެޕޮޓިޒަމް އޮންނަކަން އޭނާ ޤަބޫލުކުރާ ކަމަށެވެ. އަދި އެކަމަށް އިންކާރު ކުރަން ބޭނުން ނުވާ ކަމަށާއި، ހަޤީޤަތް އޮތީ އެންމެންގެ ލޯ މައްޗަށް ފެންނަން ކަމަށް ޖާންވީ ބުންޏެވެ. “އަހަންނަކަށް ނެތް އެވާހަކަތައް ދިފާއުކުރެވޭކަށް. އެއީ އަހަންނަކީ ޚުދު ނެޕޮޓިޒަމްގެ ޕްރޮޑަކްޓަކަށް ވާތީ” 23 އަހަރުގެ ބަތަލާ ބުންޏެވެ.

މީގެ އިތުރުން ޖާންވީ ބުނީ، އޭނާއަކީ ބޯނީ ކަޕޫރާއި ޝްރީދޭވީގެ ދަރިއަކަށް ނުވި ނަމަ، “ދަޅަކް” ފިލްމު ނުލިބުނީސް ކަމަށާއި، އެކަމަކު އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ބޭނުންވި ކަމަށެވެ. “މިސާލަކަށް ދަޅަކްގައި އަހަރެން ދެއްކި އެކްޓަށްވުރެ މޮޅު އެކްޓެއް ދެއްކޭނެ އެހެން ކުއްޖެއް ހުރެދާނެ، ފިލްމީ ބެކްގްރައުންޑެއް ނެތީމަ ފުރުސަތު ނުލިބިފަ ހުރި ކުއްޖެއް. އެކަމަކު އޭގެ މާނައަކީ އަހަންނަށް ލިބުނު ފުރުސަތު ދޫކޮށްލާށެކޭ ނޫން ކަންނޭނގެ”، ފިލްމު ކުޅުމަށް އޮތް ލޯބި ހާމަކުރަމުން ޖާންވީ ބުންޏެވެ.

“ދަޅަކް” އަކީ 2018 ވަނަ އަހަރު ޖާންވީ ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. އޭގައި ބަތަލުގެ ރޯލުން ފެނިގެންދިޔައީ ޝާހިދު ކަޕޫރުގެ ކޮއްކޮ، އިޝާން ޚައްތަރެވެ.

ބޮލީވުޑަކީ ހަމައެކަނި ނުފޫޒުގަދަ ފިލްމީ އާއިލާތަކުން ނުކުންނަ ތަރިންނަށް އޮތް ތަނެއް ކަމަށްބުނެ، ގިނަ ބަޔަކު އަންނަނީ ވަކި ބައެއްގެ ފިލްމުތައް ބޮއިކޮޓު ކުރުމަށްވެސް ގޮވައިލަމުންނެވެ. އޭގެތެރޭގައި ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު، އެކްޓަރު ސަލްމާން ޚާން އަދި އެކްޓްރެސް އާއިލާ ބަޓްގެ ފިލްމުތައް ހިމެނެއެވެ. ސަބަބަކީ، އެމީހުންނަކީ ސީދާ ނެޕޮޓިޒަމް ޕްރޮމޯޓުކުރާ ބަޔަކަށް ވާތީ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މި އަޑުތައް މިހައި ގަދަވެފައި މިވަނީ، މީގެ ދެ ހަފްތާ ކުރިން އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު ދަންޖެހިގެން އަމިއްލައަށް މަރުވެފައިވާތީއެވެ. އެގޮތުން ސުޝާންތުގެ ފޭނުން ޤަބޫލުކުރާ ގޮތުގައި، ސުޝާންތު ޑިޕްރެޝަނަށް ގޮސް އަމިއްލައަށް މަރުވީ ބޮލީވުޑުން އޭނާގެ އަގުވަޒަން ނުކޮށް، ބާކީ ކޮށްލުމުންނެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!