މޫނުގައި ހުންނަ އިސްތަށިތައް ޤުދުރަތުން ނައްތައިލާނީ ކިހިނެއް؟

ބައެއް އަންހެނުންގެ މޫނުގައި އާދަޔާޚިލާފަށް ގިނައިން އިސްތަށި ފަޅަ އެވެ. ގިނަ މީހުން މި މައްސަލައަށް ހައްލުހޯދަނީ އިސްތަށިތައް ބްލީޗް ކޮށްގެންނެވެ. ނަމަވެސް ހަމުގެ މާހިރުން ވިދާޅުވަނީ ބްލީޗަކީ ވެސް ހަންގަނޑަށް ރަނގަޅު އެއްޗެއް ނޫން ކަމަށެވެ.

މިއީ އިންޑިއާގެ އިންޓަނޭޝަނަލް ސްކިން އެންޑް އެންޓި-އޭޖިން ސެންޓަރުގެ ހަމުގެ ހާއްސަ ޑޮކްޓަރު އަދި މެޑިކަލް ޑައިރެކްޓަރު ގީތަލް މިއްތަލް ގުޕްތާ އިންޑިއާގެ އެންޑީޓީވީ އަށް ލިޔުއްވާފައިވާ ރިމެޑީޒް ތަކެކެވެ.

މި ރިމެޑީޒްތައް ތައްޔާރުކުރަނީ އޯޓްމީލް ސްކްރަބް، ހަކުރު، ޔޯގަޓް ސްކްރަބް، ލުނބޯ ހުތް އަދި މާމުއި ބޭނުންކޮށްގެންނެވެ. މި ފަރުވާތަކަކީ މޫނުގެ އިސްތައްޓަށް އޮތް އެންމެ ފައިދާހުރި ފަރުވާކަމަށް އޭނާ ވިދާޅުވި އެވެ.

ލުނބޯހުތާއި މާމުއި

ލުނބޯހުތާއި މާމުޔަކީ މޫނުގައި ފަޅާ އިސްތަށި ނައްތާލަން ވަރަށް ބަރާބަރު އެއްޗެކެވެ. މޭޒުމަތީ ހަތަރު ސަމުސަލުގެ މާމުޔާއި މޭޒުމަތީ ދެ ސަމުސަލުގެ ލުނބޯހުތް އެއްޗަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ކަފަކޮޅަކުން މި މިކްސްޗާގައި އޮއްބާލުމަށްފަހު މޫނުގައި ހާކާފައި 10 މިނިޓް ވަންދެން ބަހައްޓާފައި ދޮވެލާށެވެ. މިގޮތަށް ހަފުތާއަކު ދެ ފަހަރު ފަރުވާ ދެމުން ގެންދާށެވެ. ވަރަށް އަވަހަށް ނަތީޖާ ފެންނާނެ އެވެ.

އޯޓްމީލް ސްކްރަބް

އޯޓްމީލްއަކީ ހަންގަނޑުގައި ހުންނަ މަރުވެފައިވާ ސެލްތައް ނައްތާލައި ހަންގަނޑު ސާފުކޮށްދޭ އެއްޗެކެވެ. އަދި މޫނުގައި ހުންނަ އިސްތަށި ސްކްރަބް ކުރަން ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. މޭޒުމަތީ ސަމުސަލުގެ ބައި ސަމުސާ އޯޓްމީލް އާއި އަށް ތިކި ލުނބޯހުތް ރަނގަޅަށް އެއްކޮށްލުމަށް ފަހު މޫނުގައި ކާއްތާށެވެ. ދެން 15 ވަރަކަށް މިނިޓް ބެހެއްޓުމަށް ފަހު، އިސްތަށިފަޅާފައި ހުންނަ ކޮޅު ނޫން އަނެއް އަތަށް އުނގުޅާށެވެ. މި ސްކްރަބް ވެސް ހަފުތާއެކު ދެ ފަހަރު އުނގުޅުން ރަނގަޅެވެ.

ހަކުރާއި ޔޯގަޓް ސްކްރަބް

މޭޒުމަތީ ސަމުސަލެއްގެ މާމުޔާއި ހަމަ އެހާ ވަރަށް ޕްލެއިން ޔޯގަޓް ރަނގަޅަށް އެއްކޮށްލާށެވެ. މޫނުގައި ހާކާފައި 15 މިނިޓް ވަންދެން ބެހެއްޓުމަށް ފަހު ރަނގަޅަށް ހިކުމުން ހަކުރުން ސްކްރަބްކޮށްގެން މާސްކޮށް ފޮހެލާށެވެ. ސްކްރަބް ކުރާނީ ވަރަށް މަޑުމަޑުންނެވެ. އެހެންނޫނީ ހިރުވާގޮތް ވެދާނެ އެވެ. އޭގެ ފަހުން ޓޯނާއެއް ނުވަތަ މޮއިސްޗަރައިޒާއެއް އުނގުޅާލާށެވެ.

ބިހުގެ މާސްކް

މޫނުގައި ހުންނަ ބޭނުން ނޫން އިސްތަށިތައް ނައްތާލަން އެންމެ ރަނގަޅު އެއް ފަރުވާއަކީ ބިހުގެ ހުދުބައިން ތައްޔާރުކޮށްލެވޭ އެއްޗެކެވެ. މޭޒުމަތީ ސަމުސަލުގެ ބައި ސަމުސާ ކޯން ފްލާ އާއި އެއް ސައިސަމުސާ ހަކުރު، އަދި އެއް ބިހުގެ ހުދުބައި ރަނގަޅަށް އެއްކޮށްފައި މޫނުގައި ހާކާށެވެ. ދެން 15 މިނިޓް ވަންދެން ބެހެއްޓުމުން ރީތިކޮށް ހިކޭނެ އެވެ. ހިކުމުން މޫނުން މާސްކް ނަގައި ސާފުކޮށްލާށެވެ. ހަފުތާއަކު ދެ ފަހަރު ނުވަތަ ތިން ފަހަރު މި ފަރުވާގެ ބޭނުން ހިފާށެވެ.

ރަތް މުގާއި އަލުވީގެ މާސްކް

ބޯތައްޓެއްގެ މުގު ރޭގަނޑު ފެނަށް އަޅާފައި ބަހައްޓާށެވެ. ހެނދުނު މުގުކޮޅު ރަނގަޅަށް މުގުރާލައި ހިމުންކޮށްލާށެވެ. އަދި އަލުއްވެއް މަށާލުމަށްފަހު ރަނގަޅަށް މުގުރައި ހިމުންކޮށްލައި ކުރިން ހެދި ރަތްމުގު ޕޭސްޓާ އެއްކުރާށެވެ. މި ޕޭސްޓް މޫނުގައި ހާކާފައި 20 މިނިޓް ވަންދެން ބަހައާޓާށެވެ. ރަނގަޅަށް ހިކުމުން މި މާސްކް ނަގާއިރު ބޭނުން ނޫން އިސްތަށި އޭގައި ހުންނާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!