ރާއްޖެ އަލުން ހުޅުވާލުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފި

އަންނަ ޖުލައި މަހު 15ގައި އާންމުދަތުރުތަކާއި ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ, ރާއްޖެ ހުޅުވާލުމުގެ ކުރިން ކަމާގުޅޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާކުރައްވައި، އަދި އެ މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

އެގޮތުން ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލުމާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި އަދި ކޮވިޑް-19 އަށް ފަހު ރާއްޖެ އަލުން ހުޅުވާލާއިރު އެކި ދާއިރާތަކުން ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، ފަތުރުވެރިންނާއި، ފަސިންޖަރުންގެ ސަލާމަތަށް އެއަރޕޯޓްތަކުގައި އަޅާނެ ފިޔަވަޅުތަކާއި، ކޮވިޑް-19 ސްކްރީންކުރުމުގެ ކަންކަން އެއަރޕޯޓްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިޔަށްގެންދާނެ ގޮތްތަކާއި، މިކަންކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާއި، ކޮވިޑްއަށް ފަހު ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ ކަންކަމުގައި އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން ކުރެވުނު މަޝްވަރާތައް ހިމެނޭ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!