ފޮޓޯ: މިހާރު

ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފި

މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފަހުން ހުޅުވާލި ސްޓޫޑެންޓް ލޯންއަށް އެދި ހުށައަޅާފައިވާ ދަރިވަރުންގެ ތެރެއިން ލޯން ލިބުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފި އެވެ.

މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ލޯނު ލިބުނު ކުދިންގެ ލިސްޓު އާންމުކޮށްފައިވާއިރު މިނިސްޓްރީން އަންނަނީ ލޯނަށް އެދުނު ދަރިވަރުންނަށް ލޯނު ލިބުނުކަން ނުވަތަ ނޫންކަން އެސްއެމްއެސް މެދުވެރިކޮށް ވެސް ހިއްސާކުރަމުންނެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހު އިއުލާންކުރީ 550 ލޯނު ފުރުސަތަށް ކަމަށާއި އޭގެތެރެއިން 514 ދަރިވަރުންނަށް ލޯނުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށެވެ. ލޯނަށް އެދި 1،000 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވެއެވެ.

އޭގެތެރޭގައި ތަފާތު އެކި ލައިސެންސް ޕްރޮގްރާމްތަކުން 15 ދަރިވަރުންނަށް ލޯނު ލިބޭނެ ކަމަށާއި، ޑިޕްލޮމާ ފެންވަރުގައި ތައުލީމު ހާސިލުކުރުމަށް 48 ދަރިވަރަކަށް ލޯނު ލިބޭއިރު، ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް 264 ދަރިވަރަކަށް ލޯނުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މާސްޓާސް ޑިގްރީ ހާސިލުކުރުމަށް 160 ދަރިވަރުންނަށް ލޯނު ދޫކުރާއިރު، ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް 27 ދަރިވަރަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ލައިސެންސް ކެޓަގަރީން މީގެކުރިން ދަރިވަރުން ލޯނު ނަގަނީ ހަމައެކަނި ޕައިލެޓްކަން ކިޔެވުމަށް ކަމަށާއި ނަމަވެސް މިފަހަރު އުސޫލަށް ގެނައި ބަދަލާއެކު ބައިނަލްއަގުވާމީ ލައިސެންސް ޕްރޮގްރާމްތައް ކިޔެވުމަށް އެ ކެޓަގަރީން ތަފާތު ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށެވެ.

އެގޮތުން ޕައިލެޓްކަން ކިޔެވުމުގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލަރ ކަމާއި، މެރިން އިންޖިނިއަރިންއާ ގުޅުންހުރި ލައިސެންސްގެ ދާއިރާގެ އިތުރުން އެއާ ކްރާފްޓް އިންޖިނިއަރިންގެ ދާއިރާ އިން ވެސް ތައުލީމު ހާސިލުކުރުމަށް ލޯނުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމާއި ގުޅޭ ގޮތުން މިއަދު ރައީސް އިބްރާހިމް ސޯލިހް ވިދާޅުވީ ކޮވިޑް އާއި ގުޅިގެން ދަތިތައް ދިމާވި ނަމަވެސް ސަރުކާރުގެ އަމާޒު އޮތީ ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށް ކަމުގައެވެ. އަދި ސްޓޫޑަންޓު ލޯނު ދިނުމާއި ހަޔާ އެޗީވާސް ސްކޮލާޝިޕާއި އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕުތައް ވެސް ހުއްޓުމެއް ނެތި މިހާލަތުގައިވެސް ދެމުން ގެންދާނެ ކަމުގއިވެސް ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!