IruOnline

މި ތަރިންނާއެކީ މަސައްކަތްކުރަން މަޝްހޫރު ފެޝަން ޑިޒައިނަރުން ދެކޮޅު ހެދިކަން އެނގޭތަ؟

ފެޝަން އިންޑަސްޓްރީ އަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް އެކި ފާޑު ފާޑުގެ ވާހަކަ ދެކެވޭ އިންޑަސްޓްރީއެކެވެ. ފަހާ މީހުންނާއި، ސްޓައިލިސްޓުން އަދި މޭކަޕް އާޓިސްޓުންނޭ ކިޔައިގެން ކޮންމެވެސް ނޭދެވޭ ވާހަކައެއް ދެކެވޭ އަޑު ވަރަށް ގިނައިން އިވެއެވެ. ރާއްޖޭގެ ފެޝަން އިންޑަސްޓްރީވެސް އޮތީ މިފަދަ ހާލެއްގައެވެ. އެގޮތުން ބައެއް ޑިޒައިނަރުންނަކީ ހަމައެކަނި މަޝްހޫރު ތަރިންނަށް ރީތިކޮށް ހެދުން ފަހައިދޭ ބައެއް ކަމަށްބުނެ ދެކެވޭ ވާހަކައިގެ އަޑު ދާދިފަހުން ވެސް މިވަނީ ގަދަވެފައެވެ.

ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ރާއްޖޭގެ ފެޝަން އިންޑަސްޓްރީގެ ވާހަކައެއް ނޫނެވެ. މިފަހަރު މި އަލިއަޅުވައިލަނީ، ދުނިޔޭގެ ނަން މަޝްހޫރު ޑިޒައިނަރުން މީގެ ކުރިން ހެދުން ފަހައިދޭން ދެކޮޅު ހަދާފައިވާ ތަރިންގެ ލިސްޓަކަށެވެ.

1. ބިޔޯންސޭ

ބިޔޯންސޭއަކީ ލަވައިގެ ދުނިޔޭގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ހުނަރުވެރި ފަންނާނެކެވެ. އަދި މިއަދު ބިޔޯންސޭއާ އެކީ މަސައްކަތް ކުރަން ލިބިއްޖެނަމަ އެއްވެސް ދާއިރާއެއްގެ އެއްވެސް މީހަކު ދެކޮޅު ނުހަދާނެކަން ޔަޤީނެވެ. ނަމަވެސް، ބިޔޯންސޭއަށް މިވަރުގެ މަޝްހޫރުކަމެއް ނުލިބޭ އިރު، އޭނާގެ ކެރިއަރުގެ ފުރަތަމަ ކޮޅު، އޭނާއަށް ދިމާވި ދަތި އުނދަގޫތައް ބިޔޯންސޭ ވަނީ އެވޯޑު ޝޯއެއްގައި ހިއްސާކޮށްފައެވެ. އެގޮތުން، އޭނާ ކުރިން ލަވަކިޔަން އުޅުނު “ޑެސްޓިނީސް ޗައިލްޑް” ގްރޫޕުގައި އުޅުނު އިރު، މަޝްހޫރު ޑިޒައިނަރުން އެމީހުންނަށް ކޮސްޓިއުމް ތައްޔާރު ކޮށްދޭން ދެކޮޅު ހެދިކަމަށް ބިޔޯންސޭ ބުންޏެވެ. އޭގެ އެއް ސަބަބަކީ، ބިޔޯންސޭ ހިމެނޭގޮތަށް “ޑެސްޓިނީސް ޗައިލްޑް” ގައި އުޅުނީ ހުސް ކަޅު ނަސްލުގެ އަންހެނުންނަށް ވުމުން ކަމަށް އޭނާ ބުންޏެވެ. އަދި އެމީހުންނަކީ އާދައިގެ ހިސާބަކުން އައިސްފައި ތިބި ބަޔަކަށް ވެފައި، އެމީހުންގެ ހަށިގަނޑުގެ ބައްޓަން ވެސް ފެޝަން ޑިޒައިނަރުންނަށް ކަމުގޮސްފައި ނުވާކަމަށް ބިޔޯންސޭ ހާމަކުރިއެވެ. ނަމަވެސް ވަކިވަކި ފެޝަން ޑިޒައިނަރުންގެ ނަމެއް ފާޅެއް ނުކުރެއެވެ.

2. ހިނާ ޚާން

ހިނާ ޚާން އަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ އެންމެ އަގުބޮޑު އެއް ބަތަލާއެވެ. އަދި މިހާރު ހިނާ ވަނީ ބޮލީވުޑުގައި ވެސް ކެރިއަރު ފަށާފައެވެ. ނަމަވެސް ހިނާ ކާންސް ފެސްޓިވަލްގައި ބައިވެރިވި އިރު، އޭނާއަށް ކޮސްޓިއުމް ތައްޔާރު ކޮށްދޭން އިންޑިއާގެ އެއްވެސް ޑިޒައިނަރަކު އެއްބަސް ނުވި ކަމަށް ހިނާ ބުންޏެވެ. “އަހަންނަކީ ޓީވީ ތަރިއެއް ވީމަ، ބޮޑެތި ޑިޒައިނަރުން ދެކުނީ އަހަރެން މިއީ ދަށް މީހެއްގެ ގޮތުގަ”، ހިނާ ކިޔައިދިނެވެ. އިންޑިއާގެ ޑިޒައިނަރުންނަކީ ވަރަށް ހުނަރުވެރި ބަޔަކަށްވުމުން، އިންޓަނޭޝަނަލް ޑިޒައިނަރެއް ލައްވައި ހެދުން ފަހުވަން ހިނާ ބޭނުމެއް ނުވިއެވެ. ނަމަވެސް އޭނާއަށް އެހީވެދޭން އެ ޑިޒައިނަރުން ދެކޮޅުހެދީ ކަމަށް ހިނާ ބުންޏެވެ.

3. ކްލޯއީ ކާޑޭޝިއަން

އެމެރިކާގެ ރިއަލިޓީ ޓީވީ ޝޯ “ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް” އިން މަޝްހޫރުވި ކާޑޭޝިއަން އާއިލާގެ ކްލޯއީ އަކީ އޭނާގެ އެއްބަނޑު ކުދިންނާ ބަލާފައި ފަލަކޮށް ހުންނަ މީހެކެވެ. މިހާރު ލޫޅާފަތިކޮށް ހުއްޓަސް، ކުރިން ކްލޯއީ ހުރީ ވަރަށް ތަފާތުކޮށެވެ. ނަތީޖާއެއްގެ ގޮތުން، ހުރިހާ ޑިޒައިނަރުންގެ ސަމާލުކަން ހުއްޓުނީ ހަމައެކަނި ދައްތަ ކިމް އާއި ކޯޓްނީ ކާޑޭޝިއަންއަށް ކަމަށް ކްލޯއީ ބުންޏެވެ. “ޝޫޓުތަކުގަވެސް އަހަންނަކަށް ނޯންނާނެ ރީތި ހެދުމެއް ލާނެ އިހުތިޔާރެއް. އެމީހުން ބުނާނެ އަހަރެންގެ ސައިޒުގެ ހެދުމެއް ނެތޭ. އެކަމަކު އެބުނާހާ ފަލައެއް ނުވާނެ އަހަންނެއް އޭރުވެސް!” ޑިޒައިނަރުންގެ ސަމާލުކަން ލިބެން ފެށީ ހިކުނު ފަހުން ކަން ފާހަގަކޮށް ކްލޯއީ ބުނެފައިވެއެވެ.

4. އޭޝްލީ ގްރޭއެމް

މަޝްހޫރު ޕްލަސް-ސައިޒް މޮޑެލް އޭޝްލީ ގްރޭއެމް ބުނިގޮތުގައި، އެވޯޑު ފަންކްޝަންތަކަށް ހެދުން ފަހައިދޭނެ ޑިޒައިނަރަކު ހޯދުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމެކެވެ. 2016 ވަނަ އަހަރު އޮތް މެޓް ބޯލް އަށް ނުދިޔައީވެސް ހެދުމެއް ނުލިބުމުން ކަމަށް އޭޝްލީ ބުންޏެވެ. ހަމައެހެންމެ، އެ އަހަރު އޮތް އޮސްކާ އެވޯޑަށް ދާން ލާނެ ހެޔޮވަރު ހެދުމެއް ހޯދަން ވެސް ވަރަށް ބުރަކޮށް އުޅެން ޖެހުނު ކަމަށް ބުންޏެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!