IruOnline

ބްރެންޖެލީނާ އަކީ އެމެރިކާގެ އަބީޝޭކާއި އައިޝްވާރިޔާ: އައިޝްވާރިޔާ ރާއި

ހޮލީވުޑުގެ އެންމެ ރީތި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އައި ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީ (ބްރެންޖެލީނާ) ގެ ކައިވެނި ނިމުމަކަށް އައިސްފައި ވިޔަސް، އިރެއްގައި އެއީ އެންމެ މަޤުބޫލު ޖޯޑެވެ. އަދި ގިނަ ބަޔަކު ނަމޫނާއެއްގެ ގޮތުގައި ދެކެމުން އައި ޖޯޑެއްވެސް މެއެވެ. މިގޮތަށް ބޮލީވުޑުން ފާހަގަކޮށްލެވޭ އެއް ޖޯޑަކީ އައިޝްވާރިޔާ ރާއީ އާއި އަބިޝޭކް ބައްޗަން އެވެ.

އެގޮތުން އެ ދެމީހުންނަކީ އިންޑިއާގެ ބްރެންޖެލީނާ ކަމަށް 2009 ވަނަ އަހަރު “ދި އޯޕްރާ ވިންފްރޭ ޝޯ” ގައި އޯޕްރާ ވެސް ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ، 2010 ވަނަ އަހަރު އަބީޝޭކް ކުޅުނު “ރާވަން” ފިލްމުގެ ޕްރޮމޯޝަންއަށް ބީބީސީ ނިއުސްގެ އިންޓަވިއުއެއްގައި އައިޝްވާރިޔާ ބައިވެރިވުމުން، ޝޯގެ ހޯސްޓު މެތިއު ސްޓާޑްލެން ބުނީ ބްރެޑް ޕިޓާއި އެންޖެލީނާގެ ޖޯޑާ އެއްގޮތް ކަމެއް އެބަހުރި ކަމަށެވެ.

އެއަށް ރައްދުދެމުން އައިޝްވާރިޔާ، 46، ބުނެފައިވަނީ މިހެންނެވެ. “އަހަރެމެން ތީތި ކިޔައި އުޅެނީ އަނެއްކޮޅަށް. ބްރެންޖެލީނާ އަކީ އެމެރިކާގެ އައިޝްވާރިޔާއާއި އަބީޝޭކް” ސަމާސާ ރާގެއްގައި އައިޝްވާރިޔާ ބުންޏެވެ.

ހަމައެހެންމެ، އެކަހަލަ ވާހަތަކަކީ މީހުންގެ ދުލަށް ފަސޭހައަކަށް ކިޔައި އުޅޭ އެއްޗެހި ކަމަށާއި، އެކަމާ މާބޮޑަށް ނުވިސްނާ ކަމަށް އައިޝްވާރިޔާ ބުންޏެވެ.

އައިޝްވާރިޔާއާއި އަބީޝޭކްގެ ކައިވެނި ކުރެވުނީ 2007 ވަނަ އަހަރެވެ. އަދި 2011 ވަނަ އަހަރު އެދެމީހުންނަށް އަންހެން ކުއްޖަކު ލިބިފައިވެއެވެ. އެއީ މިހާރު 9 އަހަރުގެ އަރާދްޔާ ބައްޗަން އެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!