ލޯނަށް ހޮވޭ ދަރިވަރުންގެ ލިސްޓު ވަރަށް އަވަހަށް އިއުލާނުކުރާނެ

މަތީ ތައުލީމްގެ ލޯނަށް ހޮވޭ ދަރިވަރުންގެ ލިސްޓު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން ހުޅުވާލި ސްކީމަށް ހޮވުނު ދަރިވަރުން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވިދާޅުވިއަސް އެ ލިސްޓު އާއްމުކުރާނެ ވަކި ދުވަހެއް، އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅެއް ނުވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި 550 ފުރުސަތު ހޯދުމަށް އެދި 1،300 ދަރިވަރުން ކުރިމަތިލި އެވެ. އެ ސްކީމަށް ހޮވޭ ދަރިވަރުން މިދިޔަ އޭޕްރީލް 20 ގެ ކުރިން އިއުލާނުކުރާނެ ކަމަށް ކުރިން ބުންޏަސް، ކޮވިޑް-19 އާ ގުޅިގެން އެ ލިސްޓު އާއްމުކުރުން ވަނީ ލަސްތަކެއް ދިމާވެފަ އެވެ. އެކަމާ ބައެއް ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ލޯނަށް ކުރިމަތިލި ދަރިވަރަކު ބުނީ، ކޮވިޑް-19 ކުރިމަތިވެފައި އޮތް ކަމުގައި ވިއަސް ބޭރު ގައުމުތަކުގައި ކޯސްތަކަށް ހުޅުވާލަމުން އަންނަ ކަމަށެވެ. އެހެންވެ އެ ލޯނަށް ވީ ގޮތެއް ސާފުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ހުޅުވާލި ފުރުސަތަށް 151 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!