ފޮޓޯ: މިހާރު

މާލޭ ޖަލުން ޕޮޒިޓިވްވި އޮފިސަރަކީ ހޯމް ކަރަންޓީންގައި ހުރި މީހެއް

މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެ އޮފިސަރަކީ ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއިއޯސީ) އިން ބުނެފިއެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، އެކްޓިވް ސަރވައިލެންސްގެ ތެރެއިން މަގުމަތިން ނެގުނު ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވްވިއިރު، ޖަލު އޮފިސަރަކީ އެ ކޭސްގެ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަވި ކޭސްއެއް ކަމަށެވެ.

މަބްރޫކު ވިދާޅުވީ، މި މަހުގެ 18 ވަނަ ދުވަހު އޭނާއަށް ހޯމް ކަރަންޓީންވުމަށް އެންގިފައިވާނެ ކަމަށެވެ. އަދި ބަލީގެ އަލާމަތްތައް ފެންނަން ފެށުމާއެކު 19 ވަނަ ދުވަހު ސާމްޕަލް ނެގި ކަމަށާއި، ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްދާކަމަށް މަބްރޫކު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާގުޅުގެން، އެ ސަރވިސްއިން ކަނޑައަޅާފައިފާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން، ހެލްތް ޕްރޮޓެކްޝަން އެޖޭންސީ (އެޗްޕީއޭ) އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމާއިއެކު އޮފިސަރުންނާއި ގައިދީން ކޮވިޑް-19އަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

މިއީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ހިންގާ ޖަލެއްގައި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!