ދިވެހި ފުލުހުންގެ ބިލަށް އާންމުންގެ ޚިޔާލުހޯދަން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ދިރާސާ ކުރަމުންދާ “ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު”އަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ބިލު ދިރާސާ ކުރަމުން ދަނީ މަޖިލީހުގައި އޮންނަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިންނެވެ.

ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ލިއުމަކުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެ ބިލަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ހޯދަން ޖެހޭ ކަމަށެވެ. މަޖިލީހުގެ އިދާރާގައި ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން އަތޮޅުތަކުގައި ބައްދަލުވުންތައް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުންގެ ބިލުގައި ހިމެނޭ މުހިންމު ބައެއް ކަންތައްތައް:


– ޤާނޫނު އަސާސީއާއި ޤާނޫނާއި ޚިލާފަށް އަމަލުކުރާ ފުލުހުންނަށާއި، ނަހަމަގޮތުގައި ފުލުހުންގެ ނާޖައިޒް ބޭނުންތައް ކުރާ ފުލުހުންނާމެދު އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުން.
– މާލޭގެ އިތުރުން ފުުލުހުންގެ އިދާރާ ލާމަރުކަޒީ އުސޫލުން ހިންގާނެ 7 ސަރަހަދެއް ކަނޑައެޅުން.
– ކޮންމެ ސަރަހައްދެއްގައި ރީޖަނަލް ޕޮލިސް ކޮމިޝަނަރެއް (ޑެޕިއުޓީ ކޮމިޝަނަރގެ ލެވެލްގައި) ކަނޑައެޅުން.
– ކޮންމެ ސަރަހައްދެއްގައިވެސް ހިނގާ ކަންކަން އެސަރަހައްދެއްގެ ރީޖަނަލް ކޮމިޝަނުން ބަލައި ފިޔަވަޅު އަޅައި ތަންފީޒުކުރާނެ ގޮތްތަކެއް އެސަރަހައްދުގައި ކަނޑައެޅުން.
– ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކޮށް ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ 7 މެމްބަރުންގެ ބޯޑެއް އެކުލަވާލުން.
– ފުލުހުން ކުރާ ކުށް ތަޙްގީގް ފުލުހުންގެ ތެރޭގައި ކުުރުމުގެ ބަދަލުގައި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ބެލުން.
– ފުލުހުން ރެގިއުލޭޓްކުރާ ޤަވާއިދު ހޯމް މިނިސްޓްރީން ހެދުން.
– ފުލުހުންގެ މަސައްކަތުގައި ހަތިޔާރުގެ ތެރޭގައި ލީތަލްވެޕަން ބޭނުން ނުކުރެވޭގޮތް ހެދުން ހިމެނެއެވެ.

މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މިހިނގާ ޖޫން މަހުގެ 30 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުމަށް މަޖިލީހުގެ އިދާރާއިންވަނީ އިއުލާންކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!