އެއަރ ކޫލާ ޖައްސަން ވެންޓިލޭޓަރުގެ ވާގަނޑު ނެއްޓުމުން ބަލިމީހާ މަރުވެއްޖެ

އެއަރ ކޫލާ ޖައްސަން ވެގެން ވެންޓިލޭޓަރު ގުޅާފައި އިން ވާގަނޑު ނައްޓާލުމުން ކޮވިޑް19 އަށް ޝައްކު ކުރެވިގެން އެޑްމިޓްކޮށްފައި އޮތް ހާލު ބޮޑު ބަލި މީހެއް މަރުވެއްޖެއެވެ. ކޫލަރު ގުޅަން ވާގަނޑު ނައްޓާލާފައިވަނީ ބަލިމީހާ ކައިރީގައި އެހީތެރިއެއް ގޮތުގައި އިން އާއިލާ މީހެކެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިޔާގައެވެ. ކޮވިޑް19 އަށް ޝައްކު ކުރެވިގެން އައިސީޔޫގައި ބާއްވާފައިވާ މި މީހާގެ ނަތީޖާ ނެގެޓިވްވުމުން ފަހުން ވަނީ އައިސޮލާޝަން ރޫމަކަށް ބަދަލުކޮށްފައެވެ.

ވަކި ކޮށްފައިވާ މި ކޮޓަރި މާ ހޫނު ވުމުން, އެހީތެރިއެއް ގޮތުގައި ހުރި އާއިލާ މީހާ ވަނީ ހަމަ އެދުވަހު އެއަރ ކޫލާ އެއް ގަނެފައެވެ. އެއަރ ކޫލާ އަށް ކަރަންޓު ދިނުމަށް ސޮކެޓެއް ފެންނަން ނެތުމުން އެމީހާ ވަނީ ވެންޓިލޭޓަރު ކަރަންޓާއި ގުޅާފައި އިން ޕްލަގް ސޮކެޓުން ނައްޓާލައި, އެއަށް އެއަރ ކޫލާ ގުޅާލާފައެވެ.

ފިނި ކޮށްލަން ހަމަޖެހިލައިގެން އިންދާ 30 އަކަށް މިނެޓް ފަހުން ވެންޓިލޭޓަރުން އެއްކޮށް ކަރަންޓް ގޮސް އެމީހާ މަރުވީއެވެ. 30 އަކަށް މިނެޓް ވަންދެން ކަރަންޓް ހުރީ ވެންޓިލޭޓަރުގައި އިން އެމެޖެންސީ ބެޓަރީގެ އެހީގައެވެ. ކަރަންޓް ދިޔުމުން, އެކަން ޑޮކްޓަރުންނާއި ނަރުހުންނަށް އެންގުމުން އެމީހުން އައިސް ބަލައި ސީޕީއާރު ދީގެން އެމީހާ ގެ ފުރާނަ ސަލާމަތް ކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

ހޮސްޕިޓަލުން މިހާރު ދަނީ މި މައްސަލަ ހިނގި ގޮތުގެ ރިޕޯޓް އެކުލަވާލަމުންނެވެ. ނަމަވެސް މައްސަލަ ތަހުގީގް ކުރުމަށް އާއިލާގެ ފަރާތުން ހަވާލުވެ ހުރި އެހީތެރިޔާގެ އެއްބާރުލުން މިހާރު ނުލިބޭކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އާއިލާގެ ފަރާތުން ހުރި އެހީތެރިޔާ, އެއަރ ކޫލާ ގުޅުމަށް ހުއްދައަށް އެދިފައި ނުވާކަމަށް ހޮސްޕިޓަލުން ހާމަ ކުރެއެވެ. އަދި އެމީހާ ހޮސްޕިޓަލުގެ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި އާރާރުން ވެފައިވާކަމަށް ހޮސްޕިޓަލުން އަންގައެވެ.

މި އައިސޮލޭޝަން ރޫމް ތައްޔާރު ކުރެވިފައިވަނީ 4-5 ސިއްޚީ އެހީތެރިންނާއި ޑިޔުޓީ ޑޮކްޓަރެއް އެތާގައި ތިބޭ ގޮތަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!