ބޯލްޓަންގެ ފޮތް ނުހުއްޓުވޭނެ! ޓްރަމްޕްގެ ބައިވަރު ސިއްރުތައް ހާމަވާނެ

އެމެރިކާގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑުވައިޒަރ ޖޯން ބޮލްޓަން ލިޔުއްވާފައިވާ ފޮތް ނެރުން ހުއްޓުވުމަށް ޓުރަމްޕް ކުރެއްވި މަސައްކަތްޕުޅުތައް ނާކާމިޔާބު ވެއްޖެއެވެ.

މި މަސައްކަތްޕުޅުތައް ނާކާމިޔާބުވެފައިވަނީ އެ ފޮތުގައި ސިއްރު މައުލޫމާތުތައް ހިމަނާފައިވާ ކަމަށް ބުނެ ފޮތް ނެރުއްވުން ހުއްޓުވައިދެއްވުން އެދި ޓުރަމްޕުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން އެފަދަ އަމުރެއް ނެރެދެވެން ނެއްކަމަށް ވިދާޅުވުމުންނެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކުން މިއަދު މި މައްސަލައިގައި ނިންމި ނިންމުގައި ވަނީ މި މައްސަލައިގައި ޖަސްޓިސް ޑިޕާޓްމެންޓުން ދައްކާފައިވާ ވާހަކަތަކަކީ މި ފޮތް ނެރުން ހުއްޓުވަން އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށް ބުނެފައެވެ. އަންނަ އަންގާރަ ދުވަހު ވިއްކުމަށް ހަމަޖެހިފައިވާ ބޮލްޓަންގެ “ދަ ރޫމް ވެއަރ އިޓް ހެޕަންޑް” ނަމަކަށް ކިޔާ މި ފޮތުގެ ބައެއް މުހިއްމު ބައިތައް އިންޓަނެޓުގައި އާންމުވެފައިވާކަން ވެސް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

މި ފޮތް ލިޔުއްވީ ބޯލްޓަން އާއި ޓްރަމްޕާއި ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް ޓުރަމްޕް ވިދާޅުވެފައިވަނީ ފޮތް އެކުލެވިގެންވަނީ ދޮގާއި، ހަގީގަތެއްނެތް ވާހަކަތަކުގެ މައްޗަށް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!