ސަލްމާން ޚާންގެ ޗެރިޓީ އަކީ މަނީ ލޯންޑަރިން ހިންގާ އައްޑާއެއް: އަބިނަވް ކަޝްޔަޕް

ސުޝާންތު ސިންގު ރާޖުޕުތުގެ މަރާ ގުޅިގެން ބޮލީވުޑުގެ ނުފޫޒުގަދަ ފަރާތްތަކާ ދެކޮޅަށް މީސްމީޑިއާގައި އަޑުއުފުލުންތައް ކުރިއަށް ދަނިކޮށް، ޑައިރެކްޓަރު އަބިނަވް ކަޝްޔަޕް، އެކްޓަރު ސަލްމާން ޚާންގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައި ފޭސްބުކު ޕޯސްޓެއް އާއްމުކޮށްފިއެވެ.

ސަލްމާންގެ “ދަބަންގް” ފިލްމުން ޑައިރެކްޝަންގެ ދާއިރާއަށް ނުކުތް އަބިނަވް ބުނިގޮތުގައި، ސަލްމާން ޚާން ގެ މަޝްހޫރު ޗެރިޓީ “ބީންގ ހިއުމަން” އަކީ ކަޅުފައިސާ ދޮންނަ އައްޑާއެކެވެ. އަދި އެ ޗެރިޓީ އަކީ ސަލްމާން މައްޗަށް އުފުލިފައިވާ ބޮޑެތި ކުށްތަކުން ސަލާމަތްވެ، އަމިއްލަ މީހާގެ ނަން ރީތިކުރަން ގެންގުޅޭ ޗެރިޓީއެއް ކަމަށްވެސް ބުންޏެވެ.

“އެއްދުވަހަކު ދަބަންގް ގެ ޝޫޓިން ކުރިއަށް ދަނިކޮށް އަހަންނަށް ފެނުން ސަލްމާން 5 ސައިކަލެއް ބަޔަކަށް ހަދިޔާކުރިތަން. ދެން އޭގެ އަނެއް ދުވަހު ނޫހުގަ ޖަހާފަ މި އޮންނަނީ ސަލްމާން 500 ސައިކަލު ފަޤީރުންނަށް ހަދިޔާކުރި ކަމަށް. އެކަމަކު އެންމެ 5 ސައިކަލު ދިންތަން އަހަރެންގެ މި ދެލޮލުން ދުށިން”، ހުކުރުދުވަހު ލިޔުނު ޕޯސްޓުގައި އަބިނަވް ކިޔައިދީފައިވެއެވެ. އަދި އެ ހުރިހާ ކަމަކީ، ސަލްމާންގެ މައްޗަށް އޮންނަ “ގުންޑާ” ގެ ލޭބަލުން ސަލާމަތްވުމަށް ރާވައިގެން ކުރާ ކަންތައްތަކެއް ކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ، “ދަބަންގް 2” ގެ ޑައިރެކްޓަރުގެ މަޤާމުން ވަކިވާން ޖެހުނީ ވެސް، ސަލްމާންގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮ ސޮހެއިލް އާއި އަރްބާޒް ޚާން އެއްބައިވެގެން އަބިނަވްގެ ކެރިއަރަށް ނުފޫޒުފޯރުވައި، ހަނގާކުރަން އުޅުމުން ކަމަށް އަބިނަވް ބުނެފައިވެއެވެ.

އަބިނަވް ކަޝްޔަޕް: ސަލްމާންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވޭ

ސަލްމާން ޚާންއާއި އޭނާގެ އާއިލާ ބަދުނާމުވާ ގޮތަށް ލިޔެފައިވާ މި ޕޯސްޓާ ގުޅިގެން ސޮހެއިލް ޚާން ވަނީ އަބިނަވް ކަޝްޔަޕްގެ މައްޗަށް އަބުރުގެ ދައުވާ އުފުލައިފައެވެ.

އަބިނަވް ކަޝްޔަޕް އަކީ، މަޝްހޫރު ޑައިރެކްޓަރު/ ޕްރޮޑިއުސަރު އަނުރާގް ކަޝްޔަޕްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!