ފާޑުކިޔުންތަކާއެކު ކަރަން ޖޯހަރުގެ ޓްވިޓާއިން މި ތަރިން އަންފޮލޯ ކޮށްފި

މިދިޔަ އާދިއްތަ ދުވަހު ދަންޖެހިގެން އަމިއްލައަށް މަރުވި ހުނަރުވެރި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ ކުއްލި މަރާ ގުޅިގެން ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު ހިމެނޭ ގޮތަށް ބޮލީވުޑުގެ ނުފޫޒުގަދަ ފަރާތްތަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ކަރަންގެ ޓްވިޓާ އެކައުންޓުން ތަރިންތަކެއް އަންފޮލޯ ކޮށްފިއެވެ.

ކަރަން އަންފޮލޯކޮށްފައިވާ ތަރިންތަކުގެ ތެރޭގައި ހިމެނެނީ ވަރުން ދާވަން، އާލިއާ ބަޓް، ޖާންވީ ކަޕޫރު، ޓްވިންކަލް ކަންނާ އަދި އިތުރު ތަރިންތަކެކެވެ. ނަމަވެސް އެކަން ކުރީ ކީއްވެގެން ކަމެއް ކަރަން ސާފުކޮށްދީފައެއް ނުވެއެވެ.

މި ކަމަކީ، ނަން މަޝްހޫރު މީހުންގެ ދަރިންނަށް ފިލްމުތަކުން ފުރުސަތުދީ އެމީހުން ޕްރޮމޯޓުކުރުމުގައި އުޅޭ ކަމަށް ބުނެ “ނެޕޮޓިޒަމް” ގެ އިލްޒާމު ކަރަންގެ ބޮލުގައި އަޅުވާފައި އޮތުމުން، އެކަމުން ރެކެން އޭނާ ކުރި ކަމެއް ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ. ސަބަބަކީ، ސުޝާންތު އަމިއްލައަށް މަރުވީ އޭނާއަކީ އާދައިގެ ބެކްގްރައުންޑަކުން ފިލްމީ ދާއިރާއަށް ނުކުތް ފަންނާނަކަށް ވުމުން، ބޮލީވުޑުން އޭނާއާމެދު ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފައިވާތި ކަމަށް ބުނެ ކަރަން އާއި ސަލްމާން ޚާން ފަދަ ފަންނާނުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި އޮތުމުންނެވެ. ހަމައެހެންމެ، ކަރަން ޖޯހަރު، ސަލްމާން ޚާން، އެކްތާ ކަޕޫރު އަދި ސަންޖޭ ލީލާ ބަންސާލީ އާއި އިތުރު ހަތަރު ފަރާތަކާ ދެކޮޅަށް ބިހާރުގެ ކޯޓަކަށް މައްސަލައެއް ހުށަހަޅާފައި ވެސް އެބައޮތެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅި ލޯޔަރު ސުދިރް ކުމާރު ބުނިގޮތުގައި، ސުޝާންތު އަށް ލިބިފައި އޮތް 7 ފިލްމެއް އެންމެ 6 މަސްދުވަހު ތެރޭގައި އޭނާގެ އަތުން ގެއްލުމުގައި ކަރަން މެންގެ ނުފޫޒު އޮތެވެ. އަދި މިފަދަ ސަބަބުތަކާހެދި ސުޝާންތު ޑިޕްރެޝަންއަށް ގޮސްގެން އަމިއްލައަށް މަރުވާން ނިންމީ ކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމަށް އެ ދައުވާގައި ފާހަގަކޮށްފައިވެއެވެ.

ކޮންމެއަކަސް، ކަރަން ޖޯހަރުގެ ޓްވިޓާ އެކައުންޓުން މިހާރު ފޮލޯކުރަނީ އެންމެ 8 އެކައުންޓަކަށެވެ. އެއީ އަމީތާބު ބައްޗަން، ޝާހްރުކް ޚާން، އަކްޝޭ ކުމާރު، ނަރެންދުރަ މޯދީ، އަޕުރްވާ މެހްތާ، އަދި ދަރްމާ ޕްރޮޑަކްޝަންގެ 3 އެކައުންޓެކެވެ. ނަމަވެސް ކުއްލި ގޮތަކަށް އާލިއާއާއި ވަރުން ފަދަ ނުފޫޒުގަދަ އާއިލާތަކުން އައިސްފައި ތިބި ތަރިން އަންފޮލޯކުރުމުން ވެސް، ކަރަންއަށް ފާޑުކިޔާ މީހުންގެ ވަކިތަކުން ސަލާމަތްވާ ގޮތެއް ނުވިއެވެ. އެގޮތުން، އެއީ އަނެއްކާވެސް ކަރަންގެ ޑްރާމާއެއް ކަމަށާއި، ދެން ކިތައްމެ ވަރަކަށް އުޅުނަސް ކަރަންގެ ފިލްމުތައް ބަލާނެ މީހަކު ނުވާނެ ކަމަށްބުނެ އޭނާއާ ދިމާލަށް އެއްޗެހި ކިޔާފައިވެއެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!