ސިޓީ ކައުންސިލުން އިންޑަސްޓްރިއަަލް ވިލެޖު ސާފުކުރަން ފަށައިފި

މާލޭ ސިނާއީ ސަރަހައްދު، އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ހުރިހާ ވެހިކަލްތަކެއް ނަގާ އެތަން ސާފު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭ ހުޅަނގު ފަރާތުގައި ހަދާފައިވާ އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ވެހިކަލްތައް ނަގަން މާލެ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ވަނީ އަންގާފަ އެވެ. ކައުންސިލުން ބުނީ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކައުންސިލާއި ވެމްކޯ ގުޅިގެން ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެސަރަހައްދުގައި ޕާކްކޮށްފައި ހުރި ހުރިހާ ވެހިކަލެއް އަންނަ ހަފްތާގެ ބުރާސްފަތިި ދުވަހުގެ ކުރިން ނެގުމަށެވެ.

އަދި، މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ ކައުންސިލުން ފުލުހުން މެދުވެރިކޮށް އެ ތަކެތި ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގައި ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

“އެ ސަރަޙައްދުގައި ހުރި އިންޖީނު ނެތް ވެހިކަލްތައްވެސް ދަންނަވާފައިވާ މުއްދަތުގެ ތެރޭގައި ނުނަންގަވައިފިނަމަ އުކާލެވޭނެ ވާހަކަ ދަންނަވަން” އިއުލާނުގައި ވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!