ރަށްރަށަށް ބަލި ނުދާނެ ގޮތެއް ނޯންނާނެ، މަސައްކަތް ކުރެވޭނީ ކޮންޓްރޯލް ކުރަން!

އަތޮޅުތެރެއަށް ނުވަތަ ރަށްރަށަށް ކޯވިޑް-19 އެއްގޮތަކަށްވެސް ނުދާނެ ގޮތެއް ނެހެދޭނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި އެތައް ބަޔަކު ރަށަށް ދާން ބޭނުންވެގެން ސަރުކާރުން ކަނޑައެޅި ތަންތަނުގައި ކަރަންޓީންކުރަމުންދާއިރު ރަށުގައި އެކަހެރިކޮށް ތިބެވޭނެ މީހުން ރަށްރަށުގައި ކަރަންޓީން ވާން ދަނީ ފޮނުވަމުންނެވެ. ރަށްރަށަށް މީހުން ކަރަންޓީން ވާން ފޮނުވާތީ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި އާންމުން ދަނީ ހިތް ހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

އެ ރަށްރަށުގައި މީހުން ބުނަމުންދަނީ ކަރަންޓީން ވާން ފޮނުވާ މީހުންގެ ސަބަބުން ރަށްރަށަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލި ރަށްރަށަށް ނުދާނެ ވަކި މޮޅު ގޮތެއް ނުހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރަށަށް ދާ މީހެއްގެ ފަރާތުން ބަލި ފެތުރިދާނެ ކަމަށް ބަލައި ރަށްރަށަށް މީހުން ނާރުވައި އަހަރު ދެ އަހަރު ވަންދެން ނުބޭއްވޭނެ ކަމަށެވެ.

ފަރުވާއެއް ހޯދިފައި ނުވާ ކޯވިޑް-19 އާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް މާލެ އާއި އަތޮޅު ތެރޭގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނީ ބަލި ގާތްގަނޑަކަށް ކޮންޓްރޯލް ކުރެވުމުންނެވެ. އަދި ބައްޔަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖެހުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!