ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު ވެލިދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު މީހަކު ވެލިދޫން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ވެލިދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

އެ އޮޕަރޭޝަނުގައި، އެ މީހާ ހައްޔަރުކޮށް އެމީހާ އުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަމަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.

މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!