އަންކިތާއާއި ސުޝާންތު

އަންކިތާއާ ރުޅި ވެވުނީމަ ސުޝާންތު ދެރަވި، ރިއާގެ އުޅުން ކަމަކުނުދޭ: ނަފްސާނީ ޑޮކްޓަރު

މިދިޔަ އާދިއްތަ ދުވަހު ދަންޖެހިގެން އަމިއްލައަށް މަރުވި އެކްޓަރު ސުޝާންތު ސިންގު ރާޖުޕުތުގެ ކުއްލި މަރާ ގުޅުވައިގެން އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާއިރު، ފުލުހުން ވެސް އަންނަނީ އެ މައްސަލައިގެ އެންމެ ފުނަށް ދެވޭތޯ މަސައްކަތްކުރަމުންނެވެ. އެގޮތުން، ސުޝާންތުއާ ގާތްކޮށް އުޅުނު އެކި ފަރާތްތަކާ ސުވާލުކުރަމުން ގޮސް، މިހާރު ވަނީ ސުޝާންތަށް ފަރުވާ ކުރަމުންދިޔަ ސައިކޭޓްރިސްޓުގެ ބަޔާންވެސް ނަގައިފައެވެ.

 ‘ނަވްބާރަތު ޓައިމްސް’ ގައި އޮތް ރިޕޯޓެއްގައި ވާގޮތުން، ސުޝާންތުގެ ސައިކޭޓްރިސްޓު، ކޭސަރީ ޗަވުޑާ، ފުލުހުންނަށް ދިން ބަޔާނުގައި ވަނީ މުހިއްމު އެތައް ކަމެއް ހާމަކޮށްފައެވެ. އެގޮތުން، ސުޝާންތުގެ ހަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި އޭނާގެ ޑިޕްރެޝަންގެ ބަލި ވަރަށް ބޮޑުވެފައިވާ ކަމާއި، ރޭގަނޑު ނިދަން އުނދަގޫވެގެން އުޅުނު ކަމަށް ބުނެފައިވެއެވެ. އަދި އެކި ކަހަލަ އާދަޔާޚިލާފު ވިސްނުންތައް ސުޝާންތުގެ ސިކުނޑިއަށް އަންނަ ކަމަށް އޭނާ ބުނެފައިވާ ކަމަށް ކޭސަރީ ފުލުހުންނަށް ކިޔައިދިނެވެ.

ހަމައެހެންމެ، ސުޝާންތު ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންކިތާ ލޯކަންޑޭއާ ރުޅިވި ފަހުން ސުޝާންތު ރައްޓެހިވި އެހެން ކުދިންނާއެކު މާ ގިނަ ދުވަސް ވަންދެން އުޅެވިފައި ނުވާތީ، ސުޝާންތު ދެކެ ޙަޤީޤީ ލޯބިވަނީ ހަމައެކަނި އަންކިތާ ކަމަށް ސުޝާންތު ޤަބޫލުކުރިއެވެ. އަދި އަންކިތާއާ ރުޅިވެވުނީތީ އެކަމާ ދެރަވެގެން އުޅުނު ކަމަށްވެސް ބުނެފައިވެއެވެ.

ނަފްސާނީ ޑޮކްޓަރު ހާމަކުރި ގޮތުގައި، އަންކިތާއާ ރުޅިވި ފަހުން ސުޝާންތުއާއި އެކްޓްރެސް ކްރިތީ ސެނޮންއާ ގުޅުން އޮތެވެ. އަދި އޭގެފަހުން ޑައިރެކްޓަރެއްގެ ދަރިއަކާވެސް ރައްޓެހިވި ކަމަށާއި، ނަމަވެސް އޭގެން އެއްވެސް ގުޅުމެއް މާ ގިނަ ދުވަސް ވަންދެން ދެމިއޮވެފައި ނުވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން ކޭސަރީ ފާހަގަކުރި އަނެއް މުހިއްމު ކަމަކީ، ސުޝާންތުއާ އެންމެފަހުން ރައްޓެހި ވެގެން އުޅުނު ރިއާ ޗަކްރަބޮތީގެ އުޅުމާމެދު ސުޝާންތު އެހާ ހިތްހަމައެއްނުޖެހެއެވެ. އަދި އެ ގުޅުމުގައި ވަރަށް ގިނަ މައްސަލަ ޖެހުނު ކަމަށް ވެސް ބުންޏެވެ. ހަމައެހެންމެ، ސުޝާންތުގެ ސިކުނޑިއަކީ “ބައިޕޯލާ ސިކުނޑިއެއް” ކަމަށް ހީވެގެން ޑޮކްޓަރު ގާތު އެހެން ބުނެފައިވާ ކަމަށް ވެސް ހާމަކުރިއެވެ.

ރިއާ އަދި ސުޝާންތު

34 އަހަރުގެ އެކްޓަރުގެ މަރާ ގުޅިގެން ފުލުހުން ވަނީ ރިއާގެ ބަޔާންވެސް ނަގައިފައެވެ. އެގޮތުން ރިއާ ހާމަކުރި ބައެއް ކަންތައްތަކުގެ ތެރޭގައި، ރިއާއާއި ސުޝާންތު އެއް ގެއެއްގައި ދިރިއުޅެމުން ގޮސް، ސުޝާންތުގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްގެން މީގެ ހަމަސް ކުރިން ރިއާ އެގެއިން ނުކުމެގެން ދިޔައީއެވެ. އަދި ދަމުން ސުޝާންތުގެ ދައްތައަކަށް ގުޅައިގެން އޭނާގެ ހާލަތު ކިޔައިދިން ކަމަށާއި، ސުޝާންތުގެ ކައިރީގައި އާއިލާ މީހަކު ހުންނަން އައުމަށް އެދިފައިވާނެ ކަމަށް ވެސް ރިއާ ބުންޏެވެ. އަދި އޭރު ސުޝާންތު ކަމުންދިޔަ ޑިޕްރެޝަންގެ ބޭސްތައް ކެއުން ހުއްޓާލާފައި ވާތީ، އޭނައަށް ބޭސް ކާންދޭން ވަރަށް ގިނަ ފަހަރު މަސައްކަތް ކުރި ކަމަށް ރިއާ ބުންޏެވެ. އެހެންނަމަވެސް، އެ ބޭސްތައް ކާކަށް ސުޝާންތު އެއްބަހެއް ނުވިއެވެ.

ސުޝާންތު އެންމެފަހުން ބޮޑު ސްކްރީނުން ފެނިގެން ދިޔައީ “ޗިޗޯރޭ” ކިޔާ ފިލްމަކުންނެވެ. އަދި ސުޝާންތު މަރުވުމުގެ ކުރިން އެންމެފަހުން ކުޅެފައިވާ ފިލްމު “ދިލް ބެޗާރާ” އަދި ރިލީޒެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!