އިއްޔެ އެކަނިވެސް 150000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިގެން ރިޕޯޓްކޮށްފައިވޭ

އިއްޔެ އެކަނިވެސް ދުނިޔެއިން ރެކޯޑު އަދަދެއްގެ މީހުންނަށް ކޮވިޑް-19 ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާކަމަަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއު.އެޗް.އޯއިން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ވާރޗުއަލް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ދުނިޔެ މިހާރުވަނީ މި ބަލިމަޑުކަމުގެ މުޅިން އައު އަދި ނުރައްކާތެރި ފިޔަވައްސަކަށް ގޮސްފައި ކަމަށެވެ.

އިއްޔެ އެކަނިވެސް ދުނިޔެއިން ރެކޯޑު އަދަދެއްގެ މީހުންނަށް ކޮވިޑް-19 ބަލި ޖެހުނުކަން ޑރ. ޓެޑްރޯސް ފާހަގަކުރެއްވިއެވެ. އެގޮތުން އިއްޔެއެކަނިވެސް 150،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު، މީގެ ތެރެއިން ދެބައިކުޅަ އެއްބައި ކޭސްތައް ރިޕޯޓްކޮށްފައިވަނީ އެމެރިކާއިން ކަމަށާއި، މެދު އިރުމަތީގެ ޤައުމުތަކާއި، ދެކުނު އޭޝިއާ ސަރަޙަައްދުގެ ޤައުމުތަކުންވެސް ރިޕޯޓްކޮށްފައިވާ ޢަދަދު ނިސްބަތުން އިތުރުވެފައިވާކަން ޓެޑްރޮސް ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި ގޭގައި ބަންދުވެފައި ތިބެން މީހުން ފޫހިވެފައިވާ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި، ހަމަ އެއާއެކު އިގްތިސާދުތައް ހުޅުވާލައި މުޖުތަމައުތައް ހުޅުވާލަން ދުނިޔޭގެ ގައުމުތައްވެސް ތިބީ ކެތްމަދުވެފައި ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

އެހެން ނަމަވެސް، ވައިރަސްގެ ނުރައްކާ ކުޑަވެގެން ނުދާކަމަށާއި ވައިރަހާމެދު ވަރަށް ބޮޑަށް ފަރުވާތެރިވުމަށް އާންމު ރައްޔިތުންނަށާއި، ދުނިޔޭގެ ގައުމުތަކަށް ޑރ. ޓެޑްރޯސް ވަނީ ގޮވާލައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!